2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، ޓެރެރިސްޓު އަމަލެއް ހިންގާން ރޭވި ކަމުގެ ތުހުމަތުގައި ޓެރެރިޒަމްގެ ދަޢުވާ އުފުލާފައި ވަނިކޮށް، ޝަރުތުތަކާއެކު ދޫކޮށްލި ދެމީހަކު އަލުން ޖަލަށް ލުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މިދެމީހުން ޝަރުތުތަކާއެކު ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެމީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ބަންދަށް ލުޔެއް ދިނުމަށް އެ ދެމީހުންގެ ފަރާތުން ހުށަހެޅުމުންނެވެ.

ނަމަވެސް އަލުން އެ ދެމީހުން ހައްޔަރު ކުރުމަށް ހައިކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. ޝަރީޢަތް ނިމެންދެން މި ދެމީހުން އަލުން ޖަލަށްލުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްފައިވާއިރު މިހާރު ކުރިޔަށް ދަނީ މައްސަލައިގެ އިބްތިދާއީ މަރުހަލާއެވެ.

މި މައްސަލައިގައި ކުރެވޭ ޓެރެރިޒަމްގެ ދަޢުވާ އެމީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އެ ދެމީހުންނަށް އަންނާނެއެވެ. މި މައްސަލައިގައި ދަޢުވާ އުފުލާފައި ވަނީ، ޏ. ފުވައްމުލަކު އަލުވިމާގޭ ހުސައިން އަފީފާއި ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގު އަލީ އަށެވެ.