ކ. ކާށިދޫ އާއި ގާފަރުގައި ރާ ވިއްކަން ނުހުންނަ ބާ ތަކެއް ހަދާނެ ކަމަށް، ދާދި ފަހުން ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ކާށިދޫ އާއި ގާފަރަށް ގިނަ ގުނަ ތަރައްޤީ ގެނައުމުގެ ޚާއްސަ ސިޔާސަތުތަކެއް އޭނާ ގެންގުޅުއްވާ އިރު އެ ސިޔާސަތުތަކުގެ ދަށުން ދާއިރާގައި ބޮޑެތި ޕްރޮޖެކްޓުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގާފަރުގައި ޝީޝާ ބާ އެއް އަދި ކާށިދޫގައި ސޫޝީ ބާއެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެތަންތަނަށް ބާ އޭ ކިޔުނު ނަމަވެސް އެތަނުގައި ރަލެއް ނުހުންނާނެ ކަމަށާއި، އެހެންކަމުން އޭގެ ނުރަނގަޅު މާނަ ވިސްނައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު ގާފަރުގައި މި ހަދަނީ ޝީޝާ ބާ އޭ. ދެން އަޅުގަނޑު ކާށިދޫގައި ހަދާނީ ސޫޝީ ބާ އެކޭ. ބާ އެކޭ ބުނީމަ އެތަނުގައި ރަލެއް ނުހުންނާނެ. އޮޅިގެން ނޫޅެވޭނެ. ކޮންމެ އެއްޗެއް ބުނާ އިރަށް އޭގައި ހުންނަ ނެގެޓިވިޓީ އަށް ނުވިސްނާށޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވިގޮތުގައި، ކާށިދޫގައި އޭނާ ފަށަން ގަސްދުކުރާ ޕްރޮޖެކްޓުތައް ސަރުކާރުން މިހާރު ވަނީ "އެޕްރޫވް" ކޮށްފައެވެ. އެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ، ކާށިދޫ އާއި ގާފަރު ކޭބަލް ކާރުގެ ދަތުރުފަތުރުން ގުޅުވާލުމުގެ ޕްރޮޖެކްޓުހާ ފަސޭހަ ޕްރޮޖެކްޓެއް ނުވެސް ނެތް ކަމަށާއި، އެއީ ޖޯކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ކޮންމެ ވާހަކައަކުން "ނެގެޓިވް" ވިސްނުން ގެންގުޅުމުގެ ބަދަލުގައި، އެކަންކަމުގައި ހިސާބު ޖެހުމުން އެއީ ކުރެވޭނެ ކަމެއްކަން އެނގިގެންދާނެ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުން ގެނެސް އެ މަސައްކަތްތައް ކާމިޔާބު ކުރުމުގެ ގާބިލްކަން އޭނާގެ ކިބައިގަ އެބަހުރި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ކާމިޔާބު ހޯއްދެވީ އެމްޑީޕީ ޕްރައިމަރީން ކުރި ނުހޯއްދެވުމުން އަމިއްލަގޮތުން އިންތިޚާބަށް ނިކުމެވަޑައިގެންނެވެ. ޖާބިރު ވަނީ އެ ދާއިރާގައި މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ވައުދު އިންތިޚާބު ތެރޭގައި ވެވަޑައިގެންފައެވެ. ކާށިދޫ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މިސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ކުރިންވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ޖާބިރު ވިދާޅުވީ މީގެ ކުރިން ވެސް ކާށިދޫ ދާއިރާއަށް ކަމެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައި އޮތް ނަމަ އެކަމަށް ކޮށްދެއްވާފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަންތަރީސް

    މިދުނިޔެ އެއްކޮއްކާނުލާބާއްވަދީބަލަ

    40
    4
  2. މިއްޓޭ

    ތެދެއްއެބުނީ ، ފުޅިފުޅިއަކުނުހުންނާނެ އެކަމަކު ހަންހަމުގަ ހަމަބޭނުންވަރަކަށް ލިބެންހުންނާނެ. ސާބަހޭ ޖާބިރު ދޫނެދޭތި ދަތްޕިލަދިނަސް

    22
    2
  3. ޢަލީދީދީ ގެ ހުތާ

    ލޮލީ އަދި ޖޫސްޕެޓީ ލިބެން ހުންނާނެ

    28
    2
  4. ނަޖީބު

    ކޯކް ދޯ ވިއްކާނީ؟ ސޮފްޓްޑްރިންކްސް ވިއްކާ ފިހާރައެއް ހަދާފައި ބުނޭ މިއީ ރ ނުހުންނަ ބާއެކޭ! ގަދަ ސޮރެއްމީ!

    18
    2
  5. ދޮންބެ

    ހައްހަާ
    ރާ ނުވިއްކާ ބާ؟
    ނަމާދު ނުކުރެވޭ މިސްކިތް؟
    ދަރިވަރުން ނޫޅޭ ސްކޫލު؟
    ކެއްކުން މަނާ ބަދިގެ؟
    ނިދުން މަނާ ލިވިންގް ރޫމް؟
    ދެން އެވާހަކަ ބާއްވާފަ ތިކިޔާ ޝީޝާ އަކާ ސޫޝީ އެއީ މިނީ ރާ. ފުރަތަމަ ސްޓޭޖް.

    23
    3
  6. މެން

    ރާ ނުހުންނަ ބާ ހުންނަ ބަނގުރާ...

    17
    2
  7. ޖާބިރު

    ޖާބިރަށް ވަކި ކޮލަމެއް ހަދަން ފެނޭ

    12