ރާއްޖޭގައި ކީރިތި ޤުރުއާނާއި ބެހޭ ރިސާޗު ސެންޓަރެއް ގާއިމް ކުރުމަށް ސޫދާންގެ ޔުނިވާސިޓީ އޮފް ޤުރުޢާން އެންޑް އިސްލާމިކް ސައިންސަސް އާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޤުރުޢާނާއި ބެހޭ ރިސާޗު ސެންޓަރެއް ރާއްޖޭގައި ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޤުރުއާނާއި ބެހޭ މަރުކަރުގެ ފަރާތުން ސޮއިކުރެއްވީ އެ މަރުކަރުގެ ރައީސް އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާއެވެ. އަދި ސޫދާންގެ ޔުނިވާސިޓީ އޮފް ޤުރުޢާން އެންޑް އިސްލާމިކް ސައިންސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗާންސެލަރ ޕްރެފެސަރު އަހުމަދު ޝައީދު ސަލްމާންއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ރިސާޗު ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ޤުރުއާނުގެ އިލްމު ފުޅާކުރުމަށް ދެފަރާތުގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރުމަށް ވެސް އެއްބަސްވެފައިވެއެވެ.

ރާއްޖޭގައި ޤުރުއާނުގެ އިލްމު ފުޅާކޮށް ކުދިންނަށް ޤުރުޢާން އުނގަންނައިދީ ދަސްކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މީގެ ކުރިންވެސް ޤުރުޢާނާއި ބެހޭ މަރުކަޒުގެ އިސްފަރާތްތަކުން ވަނީ ސޫދާންގެ ޔުނިވާސިޓީ އޮފް ޤުރުއާން އެންޑް އިސްލާމިކް ސައިންސަސްގެ އިސް ބޭފުޅުންނާއި އެކު މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން މިދިޔަ އަހަރު ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް ސޫދާނަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ ރާއްޖޭގައި ޤުރުޢާނުގެ އިލްމު ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން އެ ޔުނިވާސިޓީއާއި އެކު މަޝްވަރާ ކުރައްވާފައެވެ.

ސޫދާންގެ ޔުނިވާސިޓީ އޮފް ޤުރުޢާން އެންޑް އިސްލާމިކް ސައިންސަސް އަކީ ސޫދާންގެ އެކި ހިސާބުތަކުގައި އެ ޔުނިވާސިޓިގެ 13 ގޮތްޕެއް ހިންގަމުން ގެންދާ ސަރުކާރުގެ ޔުނިވާސިޓީއެކެވެ. އެ ޔުނިވާސިޓެ 11 ފެކަލްޓީއެއްގައި 41،000 ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ގެންދާއިރު އެ ޔުނިވާސިޓީއިން ވަނީ ތިން ގައުމެއްގައި އެޕިލިއޭޓް މަރުކަޒުތަށް ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު