ހެލްތް މިނިސްޓްރީން ފޮޓޯގްރަފީ އަދި ވީޑިޔޯ ގްރަފީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަހަރުގެ ހެލްތް ދުވަހާއި ގުޅުވައިގެން އެ މިނިސްޓްރީން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިމުބާރާތަކީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް، އެ މަސައްކަތްތައް ފޮޓޯ އަދި ވީޑިއޯގެ ޒަރިއްޔާއިން ދައްކާލުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުން ފާހަގަކޮށްލެވޭ ފޮޓޯ/ވީޑިއޯ ދައްކާލުމަށް ހަމަޖެހިފައިވަނީ ހެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން އދ. މަހިބަދޫގައި ބާއްވާ ފޮޓޯ އެގްޒަބިޝަންގައިކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

މި އެގްޒަބިޝަނަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި މި އުފެއްދުންތައް ޑިސްޕްލޭކުރެވޭނެއެވެ. ދިވެހި ސަރުކާރުން ބައިވެރިވާ ބައިނަލް އަޤްވާމީ ބައްދަލުވުންތަކުގައި ވެސް މި އުފެއްދުންތައް ދެއްކުމަށް ވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިކުރެވޭ ފޮޓޯ އަދި ވީޑިއޯގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު "މި ލިންކް" މެދުވެރިކޮށް ލިބޭނެއެވެ.