މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު، ރާއްޖޭގެ އިޤްތިސާދީ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް ހައްޔަރުކުރި ސްރީލަންކާގެ މަސްވެރިން ދޫކޮށްލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ސްރީލަންކާގެ ނޫސްތަކުގައި ބުނެފައި ވަނީ، ޤަވާއިދާ ޚިލާފަށް ރާއްޖެ ސަރަޙައްދުން މަސްވެރިކަން ކުރި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި 25 މީހެއްގެ ތެރެއިން 21 މީހަކު ދޫކޮށްލާފައިވާ ކަމަށާއި، އެމީހުން މިހާރު ލަންކާއަށް ދަތުރުކޮށްފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމީހުން އެނބުރި ޤައުމަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ސްރީލަންކަން އެއާލައިނުގެ ފްލައިޓަކުންނެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ، ރާއްޖެއިން ހައްޔަރުކުރި އެޤައުމުގެ މަސްވެރިން މިނިވަން ވެފައި ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަ އާއި ރާއްޖޭގެ ސަރުކާރުގެ އިސް ފަރާތްތަކާއި ކުރެވުނު މަޝްވަރާތަކަކަށް ފަހު ކަމަށެވެ. މި މީހުން ދޫކޮށްލާފައި ވަނީ ސިންހަޅައިންނާއި ތަމަޅައިންގެ އާއަހަރު މާދަމާ ފެށޭތީ އެ މުނާސަބާ އާއި ގުޅުވައިގެން ކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.

ލަންކާގެ ފިޝަރީސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޕަދުމަޕްރިޔާ ތިސޭރާއާ ލަންކާގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ކުރިން ވިދާޅުވެފައި ވަނީ، ލަންކާގެ މަސްވެރިން އަނބުރާ ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސަން ބޭނުންވާ ފައިސާ ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް ވަނީ ފޮނުވާފައެވެ.

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް ލަންކާގެ 25 މީހަކު ހައްޔަރު ކުރިނަމަވެސް އޭގެތެރެއިން ހަތަރު މީހުން އަދި ދޫކޮށްނުލަނީ ކީއްވެ ކަމެއް ނޭނގެއެވެ. މިކަމާއި ގުޅޭގޮތުން ރަސްމީ ފަރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޑިއާ އާއި ލަންކާގެ މަސްބޯޓްތައް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތުމަކީ އާއްމު ކަމެކެވެ. މިގޮތައް އަތުލައިގަންނަ މަސްވެރިން ރާއްޖޭގައި ހައްޔަރު ކުރިނަމަވެސް އެމީހުންގެ މައްޗަށް ދައުވާއެއް ނުއުފުލައެވެ. ދުވަސްކޮޅަކު އެމީހުން ރާއްޖޭގެ ޖަލުތަކުގައި ބޭތިއްބުމަށް ފަހު އެމީހުންގެ ގައުމުތަކާއި ހަވާލު ކުރެއެވެ.