މާލޭގެ ގިނަ ފިހާރަތަކުން ބޯފެން ވިއްކުން ކޮންޓްރޯލް ކޮށްފިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ފެނަށް އޮންނަ ޑިމާންޑް އިތުރުވުމާއި ގުޅިގެން ބައެއް ބްރޭންޑްތަކުން ފެން ސަޕްލައި ކޮށްދިނުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައިފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

ނަމަވެސް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ފިހާރަތަކަށް ފެން ނުލިބި ފެން ކޮންޓްރޯލް ކުރަން ޖެހުނީ ދެތިން ދުވަސް ކުރިން ފެށިގެންނެވެ.

ފާއިތުވި ދެތިން ދުވަހު ވަރަށް ގިނަ ފިހާރަތަކުން ފަސް ލީޓަރުގެ ފެން ވަނީ އެއްކޮށް ހުސްވެފައެވެ. އެއަށް ވުރެ ކުދި ފުޅިތަކުގެ ފެން ވިއްކަމުން ގެންދަނީ ވެސް ކޮންޓްރޯލް ކޮށްގެންނެވެ.

ރާއްޖެ އަށް އާދަޔާއި ހިލާފަށް ހޫނު ގަދަކަން ފާހަގަ ކުރެވިފައިވާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެއެވެ. ހޫނު ގަދަވުމުގެ ސަބަބުން ފެން ބޭނުން ކުރާ މިންވަރު އިތުރު ވެފައި ވާއިރު ފެން އުފައްދާ ކުންފުނިތަކުން ޑިމާންޑާއި އެއްވަރަށް ފެން އުފެއްދުން އިތުރު ކުރަމުންދާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ފެން ވިއްކުމުގައި ފިހާރަތަކުން ކޮންޓްރޯލްތައް ގެންގުޅެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ، ފެނުގެ ސަޕްލައި ރަނގަޅު ވުމާއި އެކު ކޮންޓްރޯލް ދޫކޮށްލައެވެ. މިހާރު ފެން ވިއްކުމުގައި ގެންގުޅެމުންދާ ކޮންޓްރޯލް ކިހައި ދުވަހަކަށް ދެމިގެން ދާނެ ކަމެއް އަދި ނޭނގެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް ހަފްތާގައި ވެސް ހޫނު ގަދަވާނެ ކަމަށް އަދި ލަފާކުރެވެއެވެ. އެހެންކަމުން ފެނުގެ ޑިމާންޑް އަވަހަށް ދަށްވެގެން ހިނގައިދާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައްދާދި

    މިހުންނަނީ ކުރިންވެސް ވިސްނަންވާ ކަންކަން މި އީ މާތްﷲ ގެ ކޯފާ ނޫންބާވަޢޭ ހިތައް އަރާ، ދުލުން އިސްލާމްދީނައް ފުށުއަރާ ފަދަ ބަސްބަސް ފާޅުގަ ބުނެވެމުން ދާއިރު މިކަންކަމާ ކަންބޮޑުވެ ނަސޭހަތެއްދޭތަނެއް ނުފެނޭ ފެންނަނީ ހަމަ ކިޔާހާ އެއްޗަކަށް އަތްޖަހާ ހޭތަން އެމީހަކު ބުނާ ބަހަކަށް އެމީހަކު ޖަވާބު ދާރީވާންޖެހޭނެ ކަމަކަށް ނުވިސްނާ

    55
    4
  2. ފެންކުންފުނި

    ފެންކުންފުނި ހަލާކުކޮށްލީ މިހާރުގެ އެމްޑީ .. ކުރިން 20000 ލޓރ ފެން ދުވާލަކު އުފަައްދާ ނަމަވެސް މީނަ އައިސް 6000 އަށް އެބަދަލު ކުރީ

    21
    1
  3. ނަންނުގަތި1

    ޕްލާސްޓިކް ނޫން ގޮތެއް

    3
    3
  4. ވަކިވަކި

    އިސްކުރު ފެން ބޭނުންކުރުމަށް ބާރު އެޅުމުގެގޮތުން ކުރާ ކަމެއް