ފާއިތުވި ހަފްތާގައި ހަމައެކަނި މާލޭގައި ވެސް 58 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެއީ ދުވާލަކަށް 8.2 އެކްސިޑެންޓެވެ. އެކްސިޑެންޓްތަކުގައި ހަތް މީހަކަށް ހަފްތާއެއް ތެރޭ އަނިޔާ ވެފައިވެއެވެ.

މިދިޔަ ހަފްތާގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަސައްކަތްތައް ހާމަކޮށް ފުލުހުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލޭގައި ފުލުހުން ވަނީ 569 ވެހިކަލް ހުއްޓުވާފައެވެ. އޭތެރޭގައި ބާރު ސްޕީޑްގައި ދުއްވި 14 މައްސަލައެއް ފާހަގަ ކުރެވުނެވެ.

ލައިސަންސް ނެތި 113 މީހުން ދުއްވި އިރު އަތުގައި ލައިސަންސް ކާޑް ނެތް 58 މައްސަލަ ފާހަގަ ކުރެވިފައިވެއެވެ. ފޯނުގައި އިނދެ ދުއްވި 27 މައްސަލައެއް ފާހަގަ ކުރެވުނު އިރު ދުއްވަމުން ދުންފަތުގެ އިސްތިއުމާލް ކުރި 7 މައްސަލައެއް ވެސް ފާހަގަ ކުރެވިފައިވެއެވެ. އަދި 18 އަހަރު ނުފުރޭ ދެކުއްޖަކު ވެހިކަލް ދުއްވި ކަން ވެސް ފާހަގަ ކުރެވިފައިވެއެވެ.

ޤަވައިދާއި ހިލާފަށް އޯވަޓޭކް ކުރި 8 މައްސަލައެއް ފާހަގަ ކުރެވުނު އިރު ޓްރެފިކް ލައިޓާއި ހިލާފަށް ދުއްވި 8 މައްސަލައެއް ވެސް ފާހަގަ ކުރެވުނެވެ.

އަހަރީފީ ނުދައްކާ 24 މީހަކު ދުއްވި އިރު އިންޝްއަރެންސް ނެތް 28 މީހަކު ވެސް ފުލުހުން ހުއްޓުވާފައިވެއެވެ.

މިދިޔަ ހަފްތާ ތެރޭގައި ފުލުހުން ވަނީ 8 ވެހިކަލަކާއި 17 ސައިކަލެއް ޓޯވ ކޮށްފައެވެ. ޤަވައިދާއި ހިލާފަށް ޕާކް ކޮށްފައި އޮތް 968 ވެހިކަލެއްގައި ފުލުހުން ވަނީ ހަފްތާއެއް ތެރޭގައި ސްޓިކާ ޖަހާފައެވެ.

ފަހަކަށް އައިސް މާލޭ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގުން އިންތިހާ އަށް އިތުރުވުމުން ޓްރެފިކް އޮޕަރޭޝަންތައް ފުލުހުން ޤަވައިދުން ހިންގަމުން ދިޔަ ނަމަވެސް އެކްސިޑެންޓްތައް މަދުވަމުންދާ ކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު