ކުރިޔަށް އޮތް ދެތިން ހަފްތާގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހޫނު ވާނެ ކަމަށާއި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނީ މެއި މަސް ފެށޭ ފަހުން ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އާދަޔާއި ހިލާފަށް ހޫނު ގަދަވެފައިވާ ކަން ފާހަގަ ކުރެވޭތާ މިހާރު މަހެއްހާ ދުވަސް ވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއީ ކޮންމެ އަހަރެއްގައި ވެސް އެންމެ ހޫނު ގަދަވާ ދުވަސްވަރު ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކަށް ވެސް ލަފާ ކުރެވެނީ މި ހޫނު މިން ދެމި އޮންނާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކާއި މެދު ރާއްޖެ ތެރޭ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިއްޔެ ވެސް ބައެއް ރަށްތަކަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހުނެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެނީ މެއި މަސް ފެށޭ ފަހުން ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"އިރުވައި މޫސުމުގެ މި ދުވަސްވަރު އެއްގޮތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފައެއް ނުކުރެވޭ،" މެޓް އޮފީހުން ވިދާޅުވި އެވެ.

މި ހަފްތާގެ ހުރިހާ ދުވަހެއްގައި ވެސް ހޫނު ގަދަވެ ފިނި ހޫނުމިން 30 ޑިގްރީ އިން މަތީގައި ހުންނާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ބޯކޮށް ވާރޭ ވެހޭނީ ހުޅަނގު މޫސުން ފެށޭ ދުވަސްވަރުއެވެ. ހުޅަނގު މޫސުން ފެށޭނެ ކަމަށް ލަފާ ކުރެވެނީ މެއި މަހު ދެވަނަ ހަފްތާގަގައެވެ.

ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް ވެސް މިދުވަސްވަރު ވަރަށް ހޫނު ގަދައެވެ. އެގޮތުން އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގެ ގިނަ ހިސާބުތަކަށް ވެސް ހޫނު ގަދަކަން ފާހަގަ ކުރެވޭ ކަމަށް އެގައުމުތަކުގެ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު