ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް 12 ބިލެއް އެޖެންޑާ ކޮށްފިއެވެ. މާދަމާގެ ޖަލްސާގައި އޭގެެތެރެއިން ގިނަ ބިލްތަކެއްގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މަޖިލިސް ދައުރު ހަމަވާން ގާތްގަނޑަކަށް ދެހަފްތާއަށް ވެފައި ވަނިކޮށް ގިނަ ބިލްތަކެއްގެ ފުރަތަމަ ކިޔުން އިއްވާއިރު، އެބިލްތައް ދައުރު ނިމުމުގެ ކުރިން ފާސްވާނެ ކަމަކަށް ނުބެލެވެއެވެ. ދައުރު ނިމޭއިރު ނުނިމި ހުރި ހުރިހާ ބިލެއް މަޖިލީހުން ބޭރު ވާނެއެވެ.

އެޖެންޑާ ކޮށްފައިވާ 12 ބިލުގެ ތެރޭގައި މުޅިން އަލަށް ހުށަހެޅޭ ބިލްތަކާއި ބައެއް ގާނޫނުތަކަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ވެސް ހިމެނެ އެވެ.

މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލާއި ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ހުށަހަޅުއްވާފައިވާ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި ސަރުކާރުގެ ފަރާތުން، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލާއި ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާފައިވާ، މުދާގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން އޮންނާނެއެވެ.

އަދި ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޤާލީ ޢަދާލަތުގެ ބިލާއި ސަރުކާރުގެ ފަރާތުން، ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގު ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް މާދަމާ އޮންނާނެއެވެ.

ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާފައިވާ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން ވެސް މާދަމާ އިއްވާނެއެވެ.

އަދި ސަރުކާރުގެ ފަރާތުން، އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން އޮތީ ވެސް މާދަމާ އެވެ.

އަދި ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން ވެސް ވަނީ ތާވަލް ކޮށްފައެވެ.