ލާމު ލިންކް ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށާއި، މިއަދު މެންދުރު 2:50ގައި އޮންނަ ޗާޓަރު ފްލައިޓަކުން އިތުރު ފަރުވާއަށް މާލެ ގެންދެވޭނެ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ 1:30 ހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެ ޒުވާނަކަށެވެ. ދުއްވަން އިން ފިރިހެން ކުއްޖާގެ އިތުރުން އަންހެން ކުއްޖާއަށްވެސް އަނިޔާވެފައިވާ އިރު، އަންހެން މީހާއަކީ އުމުރުން 27 އަހަރުގެ މީހެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އަންހެން މީހާގެ މޭ ކަށިގަނޑުން ބައެއް ކަށިތައް ބިންދައިގެން ދިޔުމުގެ އިތުރުން ފައިވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން އަންހެން މީހާގެ "އިންޓާނަލް ބްލީޑިން"އަކަށް ޑޮކްޓަރު "ސަސްޕެކްޓް" ކުރާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މަންޒަރު ދުށް މީހަކު "ވަގުތު"އަށް ބުނެފައި ވަނީ ސައިކަލު ޖެހިފައި ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ކައިރީގައި، މަގު ބައިކުރަން ޖަހާފައިވާ ބެޑުގައި ކަމަށާއި، ޖެހުމާއެކު ސައިކަލުގައި ތިބި ދެމީހުން ވެއްޓިފައިވާ ކަމަށެވެ. އަދި ސައިކަލު މާ ދުރަށް ބުރައިގެން ގޮސްފައިވާ އިރު، ދެމީހުންވެސް ބިއްމައްޗަށް ވެއްޓުމުގެ ސަބަބުން އަނިޔާވެފައިވާ ކަމަށްވެސް މަންޒަރު ދުތް ފަރާތުން މައުލޫމާތު ދީފައިވެއެވެ.

ގަމު ހޮސްޕިޓަލުން ބުނެފައި ވަނީ ފިރިހެން މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު