ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ކޯޓަށް ހާޒިރުކުރީ އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމުމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ވެސް އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް އެމަނިކުފާނު ކޯޓަށް ހާޒިރު ކުރިތާ ހަ ގަޑިއިރު ފަހުން އެ ޝަރީޢަތް ވަނީ ކެންސަލްކޮށްފައެވެ.

އުއްތަމަ ފަނޑިޔާރުގެ ބަންދާއި މެދު ގޮތެއް ނިންމުންގެ ޝަރީޢަތް މިއަދަށް ތާވަލުކޮށްފައިވާއިރު އެމަނިކުފާނުގެ ބަންދާއި މެދު މާދަމާ ރޭގެ 19:00 ގެ ކުރިން ގޮތެއް ނިންމަން ޖެހޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ ރޭގެ 19:00 އަށް ހަމަވާނެތީއެވެ.

އަބްދުﷲ ސައީދުގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު ޕްރޮސެކިއުޓަރ ޖެނެރަލް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރިޝްވަތުގެ ދައުވާ ވެސް ވަނީ އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައެވެ. އަދި ދައުލަތުގެ މަސައްކަތައް ދަތި ކުރުމުގެ ދައުވާއެއްގެ ޝަރީޢަތް އަބްދުﷲ ސައީދާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސީނާ

    25 އަހަރު ޖަހާލާ ޖަލަށް އެއްލާލާ! ތިޔައީ މި ޤަވުމު ދުށް އެންމެ ބޮޑު އެއް ބާޣީ!

  2. ވަހީދު

    ކިހާއިއްޒަތުގަ އުޅެވެންއޮތް ބައެއް ލާރިޔާހެދި ބޫތުކޭމަވާނިގޮތްތިއޮތީ