ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގަމުން އަންނަ ސަލާހުއްދީން ބިލްޑިންގް ތަޅާލައި އެތަނުގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

އެ އިމާރާތަކީ މީގެ ކުރިން އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް ހިންގަމުން އައި އިމާރާތެވެ. އެ އިމާރާތަށް އިންޖީނިއަރިންގ ބަދަލުކޮށްފައި ވަނީ ވަރަށް ފަހުންނެވެ.

އެ އިމާރާތަކީ ފުދޭ ވަރަކަށް ގިނަ ދުވަސްވެފައިވާ އިމާރާތެކެވެ. އިއްޔެގެ ވަގުތެއްގައި އެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދަނިކޮށް އެ އިމާރާތުގެ ޝީޓުން ބައެއް ވެއްޓުނެވެ. މި ހާދިސާއާ ގުޅިގެން އެތަން ބޭނުންކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ.

"މަރާމާތުގެ މަސައްކަތް ފެށި ހިސާބުން އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވުނީ ކޮންމެެވެސް ވަރެއްގެ އެސެސްމެންޓެއްވެސް ހަދަން ޖެހޭ ކަން. އަދި މަރާމާތު އިއްޔެ ކުރަނިކޮށް ސިމެންތި ނައްޓައިގެން އައީ ބަޔަކުން". އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ފަވާޒް ޝަރީފް ވިދާޅުވިއެވެ.

އަދި އެކަމާއި ގުޅިގެން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވަނީ ޓްވިޓާ މެދުވެރިކޮށް އެ އިމާރާތް ރައްކާތެރި ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ އިމާރާތް ހުސްކުރަން މިއަދު ރަސްމީކޮށް އަންގަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ޔުނިވާސިޓީން ބުނީ ސަލާހުއްދީން ބިލްޑިންގ ތަޅާލައި އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި އެ އިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިންމައި، އެ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"އޭގެ އަޅުގަނޑުމެންގެ ޕްލޭނަކީ ތަންކޮޅެއް އުސްކޮށް އެތަން ހެދުން. ދެން އެއަށް ބޭނުންވާ ހުއްދަތައް ހޯދުމާއި ފައިންނޭންސްގެ މަސައްކަތް ކުރިއަށްދާއިރުގައިވެސް އެ އިމާރާތުގެ ސޭފްޓީ އަކީ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމަކަށް ވާތީވެ އަޅުގަނޑުމެން އެ އިމާރާތުގެ މަރަމާތުގެ މަސައްކަތް ފެށީ". ފަވާޒް ވިދާޅުވިއެވެ.

އެ އިމާރާތް ބޭނުން ކުރުން ހުއްޓާލި ނަމަވެސް، އެތަނުގައި ހިންގަމުން އައި އިންޖީނިއަރިންގ ކްލާސްތައް އެހެން ފެކަލްޓީތަކުގެ ކްލާސްތަކުގައި ކުރިއަށްދާނެއެވެ.

"މިހާރު އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެތަން އެސެސްމެންޓެއް ހަދާފައި އަޅުގަނޑުމެންނަށް ކުދިން ވެއްދޭވަރުގެ ސޭފް ތަނަކަށް އެތަން ހެދުން. އެކަމަކު ލޯންގްޓާމް ޕްލޭނަކީ އަލުން އެތަން އިމާރާތް ކުރުން". ފަވާޒް ވިދާޅުވިއެވެ.

އެ ފެކަލްޓީއަކީ 400 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ފެކަލްޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު