ޕީޕީއެމްގެ ލީޑާޝިޕުން ފެންނަނީ ސިޔާސީ ކަންތައްތަކަށް ފޫހިވެ، ކަންނެތް ވެފައިވާތަން ކަމަށް ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

މިމަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެސް ވާދަކުރެއްވި، ނަމަވެސް އިންތިޚާބު ކާމިޔާބު ނުކުރެވުނު ޖަމީލް އުސްމާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލަކީ ޒިންމާދާރު ބުރަ މަސައްކަތެއް ކަމަށެވެ.

"ޕާޓީގެ ލީޑާޝިޕަށް ޝައުގުވެރިވި ތައުލީމީ ޒުވާނުންނަށް ފުރުސަތު ދީ މިހާރުގެ ލީޑާޝިޕް އެކަހެރި ވާން އެބަޖެހޭ." ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޒުވާނުންނަށް ފުރުސަތު ދީ ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕް އެކަހެރި ވާން އެބަޖެހޭ ކަމަށް ޖަމީލް އުސްމާން ވިދާޅުވިއިރު ރޭ ޕީޕީއެމްގެ ގްރޫޕަކަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މެސެޖެއްގައި މެންބަރުން އެދިވަޑައިގަންނަވާ ނަމަ ޕާޓީގެ ލީޑަރުކަން ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވެސް ރޭ ވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭނާ ވަނީ ޕާޓީގެ ލީޑާޝިޕްގެ އިސްތިއުފާ އަށް ވެސް ރޭ ގޮވާލައްވާފައެވެ.

ޕީޕީއެމް އުފެއްދީ 2012 ވަނަ އަހަރު އެވެ. އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުން 2013 ވަނަ އަހަރު ޕީޕީއެމް ވެރިކަމަށް އައެވެ. 2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕީޕީއެމް އިން ހޯދިއެވެ. ނަމަވެސް 2017 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު ނާކާމިޔާބުވި ފަހުން އެޕާޓީއަށް އިންތިޚާބެއް ކާމިޔާބެއް ނުކުރެވުނެވެ.

ވެރިކަން ދެވަނަ ދައުރަކަށް ދިފާޢު ނުކުރެވުނު އިރު ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބުގެ ސަބަބުން ޕީޕީއެމްގެ މުސްތަގުބަލާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

މަޖިލިސް އިންތިޚާބަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެމް ހަރުދަނާ ކުރުމުގެ ގޮތުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި މަޝްވަރާ ކުރައްވާފައެވެ. އެދެބޭފުޅުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ވާހަކަދެކެވިފައިވާ ކަމަށް ވެއެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަކުރު

    ދެންކޮބާ މިޤައުމުގަ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ޕާޓީއެއް؟؟؟

    4
    1
  2. މަސާރީ

    ހީވޭ ކަމެއްހެން. ޢިބްރަތް ޙާޞިލްކުރޭ ދަރިންނޭ. ފޭރިގަނެގެން، ވައްކަންކޮށްގެން، މަކަރާއި ހީލަތް ހަދައިގެން ކިތައްމެ އަގުބޮޑު މުދަލާއި ފައިސާ ހޯދިޔަސް އެއީ ދާއިމީ މަންފާއެއް ލިބޭނެ އެއްޗެއްނޫން. ﷲ ވަޢުދުވެ ވޮޑިގެންވަނީ، އެކަލާނގެ އެންގެވިގޮތާ ޚިލާފަށް އުޅޭ މީހުންނަށް ދައްކަވާނީ ދަތި އުނދަގޫ ހަޔާތެއް ކަމަށް.

    15
    6
  3. ޙިޔަަުލު

    މި ދަނޑިވަޅުގައި ޔާމިން އަށް ހުކުމް ކޮށްބަަލަ އަަަޥަހަށް

    9
    17
  4. ވޭމަންޑޫ މާޒިން

    މައްސަލައަކީ، ތިޔަބައި މީހުންގެ ކިބުރުވެރިކަމާއި ބޮޑާކަން، މީހުންނާ ދޭތެރޭ ދެކޭ ނިކަމެތިކަން. މީހުން ދައްކާ ވާހަކަތައް އަޑު ނޭހުން. އެއީ މައްސަލައަކީ، މި ދުވަސް އަންނަ ވާހަކަ ބުނީމާ ބުނީ ކީކޭ؟ ކަލޭމެން ތީ އިނދިކޮޅު އެމްޑީޕީގެ އެޖެންޓުންނޭ ނޫންތަ