ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދި 7 މެމްބަރުންގެ ކޮމިޝަނުން އެ މަސައްކަތް ނިންމާ، އެ ރިޕޯޓު، ހޯމް މިނިސްޓަރ، ޝައިޚް އިމްރާން ޢަބްދުﷲ ގެ އަތްޕުޅަށް އަރިވައިފިއެވެ.

މިކަމަށް ޚާއްސަ ކުރެވިގެން މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރިޕޯޓު ހަވާލުކޮށްދެއްވީ އެ ކޮމިޝަންގެ މެމްބަރ ޒުލައިޚާ ދާއޫދެވެ.

މި ރިޕޯޓަކީ 390 ސަފުޙާގެ މައްޗަށް އެކެވޭ ރިޕޯޓެކެވެ. ޖަލުތަކުގައި އިސްލާޙު ކުރަންޖެހޭކަންތަކުގެ ގޮތުގައި 182 ކަމެއް ވަނީ މި ރިޕޯޓުގައި ފާހަގަކޮށްފައެވެ. ނަމަވެސް އެކަންތައްތަކުގެ ތަފްސީލެއް މިއަދު ނޫސްވެރިންނާއި ހިއްސާކޮށްފައެއް ނުވެއެވެ.

މި ރިޕޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތުއި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ މެމްބަރ، އަހުމަދު މުޙައްމަދުފުޅު ވިދާޅުވީ، އިސްލާހުކުރަންޖެހޭ ވަރަށް ގިނަ ކަންކަން ޖަލުތަކުގައި އެބަހުރި ކަމަށާއި، ކޮރަޕްޝަނާއި އަނިޔާގެ މައްސަލަތައްވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް ފާހަގަކުރެވެނީ ޤައިދީންގެ ޞިއްހީ ފަރުވާ އާއި ގުޅޭ މައްސަލަތައް ކަމަށްވެސް އަޙުމަދު ވިދާޅުވިއެވެ.

"ވަރަށް ބޮޑެތި މައްސަލަތައް ފާހަގަކުރެވިފަ އެބަހުރި. ކޮރަޕްޝަނާއި، ޖަލުތަކުގައި އަނިޔާކުރުމުގެ މައްސަލަތަކާއި، ބިދޭސީން ހައްޔަރުކުރާ އިރުވެސް ގެންގުޅޭ އުޞޫލުތަކުގައިވެސް މައްސަލަތަކެއް އެބަހުރި. އެންމެ ބޮޑަށް ފާހަގަކުރެވެނީ ޞިއްހީ ފަރުވާގެ ކަންކަން." އަޙުމަދު ވިދާޅުވިއެވެ.

ޖަލުތަކާއި ބެހޭ ރިޕޯޓް މިނިސްޓަރާއި ހަވާލު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ޖަލުތަކާއި ބެހޭ ރިޕޯޓް މިނިސްޓަރާއި ހަވާލު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، މި ރިޕޯޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރައްވާނެ ކަމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަކީ ވަރަށް އިސްކަމެއް ދީގެން މި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

"ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވައުދެއް އެއީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުން. އެކަން އަޅުގަނޑުމެން ކުރާނަން. ފޮތް ހަރުގަނޑަށް އިތުރުވާ ފޮތެއްގެ ގޮތުގައި އެ ފޮތެއް ނުބާވާނަން. ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނާނަން" އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަާަަައަސްލު

    ކަލޭގެ އަމިއްލަނަފްސު ފުރަތަމަ ރަނގަޅުކޮއްބަލަ..ދީންކިޔަވަިގެންއައިސް ރައްޔިތުންނަށް ދީންއޮޅުވާލާ ނުލަފާ މީހެއްތީ..