ކުރީ ސަރުކާރުގެ ކަންކަން ބަލަން އަނެއްކާވެސް އިތުރު ކޮމިޝަނެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.

އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް "އިންތިގާލީ އަދާލަތު" ގެ ނަމުގައި އުފައްދާ ކޮމިޝަނަށް ތަހުގީގު ކުރުމުގެ ބޮޑެތި ބާރުތަކެއް ދިނުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ.

ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުން ތަހުގީގުކުރަން ޖެހޭނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ހިނގި މައްސަލަތަކެވެ.

މި ބިލަށް އަމަލު ކުރަން ފެށުމާއެކު އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސްގެ ގަރާރަކުން އުފައްދަން ޖެހެ އެވެ. ކޮމިޝަން އެކުލެވިގެން ވަނީ ރައީސް އައްޔަންކުރާ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ވެރިއަކަށް ހުންނަވާނީ ކޮމިޝަންގެ ޗެއާޕާސަން އެވެ. ކޮމިޝަނަށް ޗެއާޕާސަނަކު އައްޔަން ކުރާނީ ވެސް ރައީސެވެ.

މި ބިލްގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މުއައްސަސާއަކުން ނުވަތަ އިދާރާއެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން އެއްވެސް މީހެއްގެ އިންސާނީ ހައްގުތަކަށް ނުވަތަ އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ މައްސަލަތައް ބެލުމުގެ އިހްތިސާސް މި ބިލުން މެމްބަރުންނަށް ލިބެ އެވެ. އިންސާނީ ހައްގުތަކާ ހިލާފަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އިޖުރާއުތައް އުވާލުމުގެ ބާރު ވެސް ލިބެ އެވެ.

ރައީސް ޞާލިހް ވެރިކަމަށް އައި ފަހުން މިހާރު ވެސް ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވާ، ކުރީ ސަރުކާރުގެ މައްސަލަތައް ބަލަން ފަށާފައެވެ. ރައީސް ޞާލިހް ވެވަޑައިގެންފައި ވަނީ ފަހުގެ ތާރީޚެއްގައި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ކުރީ ސަރުކާރުތަކުން ކޮށްފައިވާ ކަންތައްތައް ބަލަން އެންމެ ގިނަ ކޮމިޝަން އުފެއްދެވި ރައީސް އަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މަރީ

  ކުރީގެ ސަރުކާރުން ކުރިކަންތައް ބަލަގަ އިތުރަށް ކުރާނި ކަމެއްނެތީމަ ދެން ދައުރު ހަމަވަންދެން ތިކަންތަށް ބަލަބަލާ ތިބޭ . ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް މިސަރުކާރަކަށް ނެތް

  25
  1
 2. އޭނާ

  ބަގާވާތް ބަލާ ކޮމިޓީ

  13
  1
 3. ލީނާ ތަވްފީޤު

  އަންނިގެ ސަރުކާރުން ކުރި ވައްކަންތައް ބަލަން ކޮމެޓީއެއް ހެދުން މާ ތާހިރުވާނެއެވެ. ޖީއެމްއާރަށް އެޔަރޕޯޓްވިއްކާލުމުން ލިބުނު ހަތްދިހަ މިލިޔަން ޑޮލަރުގެތެރެއިން ދައުލަތށް ވަދެފައިވަނީ 30 މިލިޔން ޑޮލަރެވެ. އަނެއް 40 މިލިޔަން ޑޮަލަރު ކޮބައިހެއްޔެވެ؟ މިބައި ނުހިމަނާ ދައުލަތުގެ މުއައްސަސާތައް ހިންގަންދިން ބަޖެޓްުން 1.3 ބިލިޔަން ރުފިޔާ ވަނީ ވަގަށްނަގާފައެވެ. ބަޖެޓް ރިޕޯޓުތަކުން އެހުރީ މި ވައްކަންތައް ސާފުކޮށް ފެންނާށެވެ. ލަދު ކޮބައިބާއެވެ؟

  20
  1
 4. ކޮމިސަން

  ކޮމިސަން ހިންގަންވެސް ކޮމިސަނެއް އުފައްދަންވީނު

  21
  1
 5. Samaaira

  ތިހުރިހާ ކޮމިޝަނެއްވެސް ތި އުފައްދަނީ ވަކިމީހަކަށް ނިސްބަތް ކޮށް ވަކި މީހަކު ސަލާމަތްވާ ގޮތަށް އެހެންވީމަ ކޮމިޝަން ތަކަށް ކިޔަންވީ ޔާމީނުގެ މައްސަލަ ބަލާ ކޮމިޝަން

  21
  1
 6. ށަވިޔަނި

  ކޮމެޓީ ތަކުން ވާކަމެއް އެބައޮތްތަ؟ ކޮބާ ބުރޯ

  13
  1
 7. ޙާޖީ ތުއްތު ދީދީ

  ކަލޯ މި ސަރުކާރުގެ އަމާޒަކީ ޤައުމު ހަލަބޮލިކުރުންތޯ ނުވަތަ ބަދަލުހިފުންތޯ؟ މިއިކުރަން ރަނގަޅު ސުވާލައެއް!

  20
  1
 8. ހުސޭނުބޭ

  ބަރިބަރިޔަށް ކޮމިޝަންތައް އުފެއްދުމުގެ ކުރިން މި އަހަރަށް ދިވެހި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު 1.8 ބިލިއަން ރުފިޔާ އަރުއްވާގަނެގެން ދިޔަގޮތް އެންމެ ފުރަތަމަ ވިދާޅުވެދެއްވާ!

  19
  1
 9. މަރުމޯލު

  ފައިސާގެ ބަދަލުވެސް ދޭންވާނެ

  9
  1
 10. ބަރުގޮނު

  2012 ޖެނުއަރީ 1 ގެ ކުރިން ހިގާފައި ވާކަމެއް ސާބިތުވާ ވަރަށް ހެކި ލިބިފައި ވިޔަސް ކަމިޝަނަށް ކުރެވޭނެ ކަމެއް ނެތް. މިކަން މިހެން ވާގޮތެއް ވާނެނަމަ ވެސް އެއީ ލައްކަ ބޮޑުވަރެއް.

  9
  1
 11. މިއަދު

  މިސަރުކާރުން މިއުޅެނީ ރަޢިއްޔަތުންނަށް ހަމަހަމަކަމާއި އިންސާފެއްހޯދަދޭންތޯ ނޫންނަމަ ވަކިބަޔަކާއި އަޅައިގަނެގެން ނުނެއްޓެވިގެންތޯ ރަޢިއްޔަތުންގެ ޙައްގުތައް ގެއްލިފައިހުރީ 2012 ވަނައަހަރުންފެށިގެނެއްނޫން 2008 އިންފެށިގެންވެސް އަދި 1978 އިންފެށިގެންވެސް ހުރީ ހަމައެހައްގުތައް ގެއްލިފައި އަދި މިހާރުވެސް އެކަން ހުރީ އެގޮތުގައި ވީއިރު ހަމައެކަނި ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް އަމާޒުކޮށްގެން ދައުލަތުގެ މާލިއްޔަތުން ބޮޑުޚަރަދުކޮށް ކޮމިޝަންތައްއުފައްދާ ތިކުރާކަންތައްތަކަކީ ޤަބޫލުކުރެވޭނެކަންކަމެއްނޫން އޯކޭ ވަކިތާރީޚެއް ކަޑަނުއަޅާ ، ތިފަދަ މައްސަލަތައް ބެލުމަށް ކޮމިޝަންވެސް އުފައްދައިގެން ކަންކަން ކުރަންވީ ބަލަންވެސްވީ ހޯދަންވެސްވީ ތިއީ ސިޔާސީގޮތުން އަދިވެސް ވަޒީފާނުދެވިމީހުންތަކެއްތިބީމަ އެކަންކުރަން އުފައްދާ ކޮމިޝަނަކަށްނުވާނީ ކީއްވެ ކޮމިޝަންއުފައްދަނީ ރައިސް ޗެއާރކަޑައަޅަނީ ރައިސް އަދިތިބިލަށްއިތުރުކުރަންފެނޭ ކޮމިޝަނުން ބެލޭނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންހުށައަޅާ އަދި ޕީޕީ އެމަށް ނިސްބަތްވާ މީހުންގެ މައްސަލަތައްކަމަށް

  13
  1
 12. މުހައްމަދު

  އިޚްލާސްތެރިކަމެށް ހުރިއްޔާ ވަކިވަގުތަކާ ސާތުނުބަލާ ތިކަން ކުރަންވީނުން. އަދި މިނޫން ގޮތަކައްވެސް މާތްﷲ އިރާދަކުރައްވަފާނެ. ތިޔައުފައްދާ ކޮމިޝަންތަކުގެ ސިއްރުވެސް މާތްﷲ މޮޅަށް ދެނަވޮޑިގެންވޭ.

  15
 13. ބުރާންތި

  ކޮމިޝަންތައް ހަދައިގެން ރައްޔިތުން ޖަލަށްލާން އައި ސަރުކާރެއް. ގައުމަށް ކޮށްދިން ކަމެއް އަދި ނެތް. ސަރުކާރުގެ ފުރަތަމަ 100 ދުވަސް ގުނަނީ އިބޫ އޮފީހަށް ވަޑައި ނުގަންނަވާ ދުވަސްތައް ހިމަނައިގެން.
  ވަރަސް ވެދުން އިބޫއަށް

  17
  1
 14. ޑައެލޯގް

  އަހަރެން މިއީސިޓީ ކައުންސިލް މުވައްޒަފެއް އަހަރެމެންގެ އެލަވަންސް %35 ވަނީ ކަޑާލާފައި އަދި 15 މުވައްޒަފުންވަނީ ކަޑާލާފަ އެހުރިހައި ބުރައެއްޖައްސާ އަނިޔާވެރި މިސަރުކާރުންވަނީ މަސައްކަތް ނުކުރާ ކައުންސިލަރުންގެ މުސާރަބޮޑުކޮށްފަ، މިކަންބަލަން ކަމިޝަނެއްނެތް އެއީ އަހަރުމެން އާދައިގެ މީހުނަށްވާތީ

  17
  1
 15. ކުޑަބަޖަރާ

  މީވެސް ގާނޫނުހަދާ މަޖިލީހަކުން ބިލްހަދާގޮތެއްބާ ވަކިބަޔަކަސް އަމާޒުކޮށް. ގާނޫނުތަކަކީ އެންމެނަށް ހަމަހަމަކޮށް ހަދާއެއްޗެކޭ ކިޔާއަޑު އަހަނީ.

 16. ޖޮއްބެ

  ޑިކްޓޭޓަރު ސޯލިޙަށް ކުރަން އެނގޭހާވެސް ކަމަކީ ކޮމެޓީ ހެދުމާ ކަމިޝަން ހެދުމެވެ.