"މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން"ގެ ހަ ވަނަ އަދަދު ނެރެފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިންގެ ހަވަނަ އަދަދު އިފްތިތާހު ކޮށްދެއްވީ މިނިސްޓްރި އޮފް ހެލްތު އަބްދުﷲ އަމީން އެވެ.

މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިނަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ކުރަމުން އަންނަ ބުލެޓިން އެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ވެރިންނާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިންގެ ހަވަނަ އަދަދު އިފްތިތާޙް ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މި ބުލެޓިން ޝާއިޢުކުރުމުގެ މަގުސަދަކީ ސިއްހީ ދާއިރާއާއި ގުޅުންހުރި ދިވެހިރާއްޖޭގެ ދިރާސާތަކުގެ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ބޭނުންވާ ފަރާތްތަކަށް ލިބޭނެގޮތް ހެދުމެވެ.

"ހެލްތް މިނިސްޓްރީގެ އުންމީދަކީ ސިއްހީ ދާއިރާ އާއި ގުޅުން ހުރި ޕްރޮގުރާމުތަށް ރޭވުމާއި ނިންމާ ނިންމުންތަށް މިފަދަ ދިރާސާތަކުގެ މައްޗަށް ބިނާ ވެގެން ދިޔުން, އަދި މި ބްލެޓިންގެ ސަބަބުން އަމިއްލަ ދީރާސާތަށް ކުރައްވާ އަދި މަތީ ތައުލީމު ހާސިލް ކުރައްވާ ފަރާތްތަކަށް އާ ހިއްވަރެއް ލިބިގެން ދިޔުން" މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަހަރުގެ ބުލެޓިންގައި ދިވެހިރާއްޖޭގައި ސިއްޙީ ދިރާސާކުރުމަށް އިސްކަންދެވޭ ދާއިރާތައް ހިމެނިފައިވާނެއެވެ.

މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިނަކީ 2014 ވަނަ އަހަރުން ފެށިގެން ސިއްހީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކާއި އެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމަށާއި ރާއްޖޭގެ ސިއްހީ ދިރާސާކުރުމުގެ ސަގާފަތެއް އުފެއްދުމަށް މަގުފަހި ކުރުމުގެ ގޮތުން ނެރެމުން އަންނަ ފޮތެކެވެ.