ލ.ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އައްޘާނީ ސުކޫލު ކުދިން، މިއަދުން ފެށިގެން ބަސް ދަތުރު ތަކަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަން ވަނީ ރަސްމީކޮށް އެ ސުކޫލަށްވެސް އަންގާފައެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އެ ސުކޫލުގެ އިސް ބޭފުޅަކު ވިދާޅުވީ، ޖުމްލަ 160 ދަރިވަރުން ސުކޫލު ބަހުގެ ޚިދުމަތް ހޯދަމުން އަންނަ ކަމަށާއި، މީގެ ކުރިން ކޮންމެ ކުއްޖަކުވެސް 125 ރުފިޔާގެ ފީއެއް ދައްކަމުން އައި ކަމަށެވެ. އަދި ބެލެނިވެރިންގެ އެދިލެއްވުމުގެ މަތިން، ބަސް ދަތުރުތައް ހިލޭ ކޮށްދެއްވާފައިވާތީ، އެޑިއުކޭޝަން މިނިސްޓްރީއަށް ޝުކުރު ދަންނަވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު އެބަ އޮތް އަންގާފަ، ބަސް ދަތުރުތައް ހިލޭ ވެފައި ވާކަމަށް. މިއީ ބަހުގެ ޚިދުމަތް ހޯދާ ދަރިވަރުންނަށް ލިބިގެން ދިޔަ ލުޔެއް. ބެލެނިވެރިންގެ އެދިލެއްވުމަކަށް މިކަން ހަމަޖެހިގެން މި ދިޔައީ." ހަމަދު ސުކޫލުގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

މީގެ ކުރިން ދެ ބަސް އެ ސުކޫލުގައި ބޭނުންކުރި ކަމުގައިވިޔަސް އެއް ބަސް މަރާމާތު ކުރަން ޖެހިފައިވުމުގެ ސަބަބުން މި ވަގުތު ބޭނުން ކުރަނީ އެންމެ ބަހެކެވެ. ބަހުގެ ޚިދުމަތް ދެމުންދާ ދެ އަވަށަކީ ތުނޑި އާއި މުކުރިމަގެވެ.