ހުޅުމާލެ ހުޅަނގު ފަރާތު ސަރަހައްދުގައި ޤާއިމުކޮށްފައިވާ "ރަށު މާރުކޭޓުން" ގޮޅި ކުއްޔަށް ނެންގެވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، ދެ ބާވަތެއްގެ ވިޔަފާރި އަށް ގޮޅިތައް ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި، ކޮންމެ ގޮޅިއްގެ ބޮޑުމިނަކީވެސް 69.45 އަކަފޫޓު ކަމަށެވެ.

އެގޮތުން، ޑްރައި ސްޓޯލްގެ ގޮތުގައި، މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުދެއްދުންތަކަށާއި، ވެޓް ސްޓޯލްގެ ގޮތުގައި ރޯމަހުގެ ބާވަތްތަކަށް ގޮޅިތައް ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެ އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.

ޑްރައި ސްޓޯލްގެ ގޮތުގައި 37 ގޮޅި އަދި ވެޓް ސްޓޯލްގެ ގޮތުގައި 20 ގޮޅި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮޅިތަކަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާ ފަރާތްތަކަކީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާން ޖެހެއެވެ. އަަދި ވިޔަފާރިތަކުން ކުރިމަތިލައްވާނަމަ، މަދުވެގެން ހަމަސް ވެފައިވާ ވިޔަފާރި އަކަށް އެ ވިޔަފާރި ވާން ޖެހޭނެއެވެ. ނަމަވެސް ޕްރައިވެޓް ކުންފުނި އަދި ޕަބްލިކް ކުންފުނިތަކަކަށް މި ގޮޅި ތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ނުލިބޭނެ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތު ދެއްވައެވެ.

މި ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހުޅުމާލެ ރައްޔިތުންނަށް ވަކި ޚާއްޞަ އިސްކަމެއް ނުދިނުމާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަން ދީފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ހުޅުމާލޭގެ ރައްޔިތުން އަންނަނީ ފާޅު ކުރަމުންނެވެ.

"ހުޅުމާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ރައްޔިތުންނަށް އިސްކަންދޭނެ އުޞޫލެއް އޮންނަންވާނެ. މާލޭން ދޫކޮށްފައި ހުންނަ ގޮޅިތައްވެސް ބޮޑަށް މާލޭގެ ރައްޔިތުންނަށް އިސްކަންދީފަ އެ ގޮޅިތައް ދޫކޮށްފައި އެ ހުރީ. އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށްވެސް އިސްކަންދޭ އުޞޫލެއް ނެތް. ހަމަ އަނެއްކާވެސް ވިޔާފާރިވެރިންނަށް މި ފުރުޞަތުވެސް ފަހިވެގެން މި ދަނީ." ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތަކު ވިދާޅުވިއެވެ.

އެޗްޑީސީން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި ގޮޅިތަކަށް ފޯމު ހުށަހަޅާއިރު، 10500 ރުފިޔާގެ ބޭންކު ގެރެންޓީ އެއްވެސް ހުށަހަޅަން ޖެހެއެވެ. އަދި ޝަރުތު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި ގޮޅިތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އެބަ އޮތެވެ. މި ގޮޅިތަކަކީ މަހަކު 3500 ރުފިޔާގެ ކުއްޔަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮޅި ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވައްބެ

    އަޅެ މިކަހަލަ ތަންތަން އަގު ކުޑަކޮށް ދިނީމަ އަގު ހެޔޮކޮށް ވިއްކަން ފަސޭހަ ވާނެ ނު. 8 ފޫޓު 8 ފޫޓޫ ނުހަދާހުންނަ ހުސް ބިންކޮޅެއްގެ ވާހަކަ މި ދައްކަނީ. ހާހެއްހާ ރުފިޔާނެގީމަ އަޅެ ވިޔަފާރި ކުރާ މީހާއަށް އެއްޗެއް ލިބިފަ އަގު ހެޔޮ ކުރުމުގެ ފުރުޞަތުވެސް ބޮޑުވާނެ ނު.