ސިވިލް ސާވިސްގެ ވަޒީފާތަކަށް އިލްމީ ގާބިލު މީހުންގެ ބަދަލުގައި ޝަރުތު ހަމަ ނުވާ ބަޔަކު އައްޔަން ކުރާކަމަށް ބުނާ މައްސަލާގައި ސުވާލު ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ހާޒިރު ކުރަން ނިންމައިފިއެވެ.

ސީއެސްސީގެ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ. އާރިފްގެ އެ ހުށަހެޅުމަށް އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި މެމްބަރުން ވަނީ އިއްތިފާގުވެފައެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.

ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ، ސީއެސްސީގެ މެމްބަރުން މަޖިލީހަށް ހާޒިރު ކުރާނެ ވަކި ދުވަހެއް އަދި ނޭގޭ ކަމަށާއި، މާދަމާގެ ވަގުތަކަށް އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސީއެސްސީގެ ވަޒީފާތަކަށް އިލްމީ، ގާބިލު މީހުންގެ ބަދަލުގައި ޝަރުތު ހަމަނުވާ މީހުން މަގާމުތަކަށް ހަމަޖައްސާކަން ހާމަކޮށްފައި ވަނީ މީޑިއާތަކުގައެވެ.