ހުއްޓިފައި އޮތް، ކުޅުދުއްފުށި އެއަރޕޯޓުގެ ޓާރމިނަލްގެ މަސައްކަތް އެ ރަށު ވޭވްލެންތު ކުންފުންޏާއި ހަވާލުކޮށްފިއެވެ.

ވޭވެލެންތު ކުންފުނީގެ ގެ ފަރާތުން އެކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގައި މިހާތަނަށް ނިމިފައިވަނީ ރަންވޭގެ މަސައްކަތް އެކަންޏެވެ. އަދި ރިޔާސީ އިންތިހާބުގެ އެއް ދުވަސް ކުރިން މަތިންދާބޯޓުގައި ޔާމީން އެ ރަށަށް ވަޑައިގެން އެތަން ހުޅުއްވައިދެއްވި އެވެ.

ކުޅުދުއްފުށި އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް މީގެ ކުރިން ހަވާލުކޮށްފައިވާ ކުންފުންޏަށް އެ މަސައްކަތް ނުނިންމުގެ ސަބަބުން މިއަދާއި ހަމައަށް އައިއިރު އެ މަސައްކަތް ވަނީ ހުއްޓިފައެވެ.

އެއާޕޯޓް ރަންވޭ ވެސް އަޅާފައިވަނީ އެ ސަރަހައްދުގައި ހުރި އާއްމު ގެތަކެއް ނަގައިގެންނެވެ. ނަމަވެސް އެ ގެތަކަށް ބަދަލު ދިނުމުގެ ކަންކަންވެސް އަދި ނިމިފައެއް ނުވެއެވެ.ސަރުކާރުން ދިން ބަދަލާ މެދު ހިތްހަމަ ނުޖެހިގެން، އޭގެ ތެރެއިން ގެއެއްގެ މީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެހެންވެ، އެއާޕޯޓު އަލުން ހުޅުވައި ހިދުމަތް ދޭން ފެށޭނީ ކޯޓުގައި އޮތް މައްސަލަ ވެސް ވަކި ގޮތަކަށް ނިމުމަށް ފަހުއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތަށް މި އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.