ކުޅުދުއްފުށީގައި އޮތް ކުޅި އާއި ބެހޭ ގޮތުން "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" ގެ ފަރާތުން ހެދި ދިރާސާ، އެންވަޔަރމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު އާއި ހިއްސާ ކޮށްފިއެވެ.

މި ދިރާސާގައި މެންގްރޫވް އެކްޝަން ޕްރޮޖެކްޓް ގެ ހަތަރު ތަޖުރިބާކާރުންގެ އިތުރުން ސޭވް މޯލްޑިވްސް ގެ ޓީމަކާއި މިނިސްޓްރީ އަދި އީޕީއޭގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބަޔާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެކްސްޕާޓުންގެ ދިރާސާތަކަށް އެ މީހުން ދޭ ލަފަޔަށް ބަލައިގެނެވެ. އަދި އެ ޓީމުން ވަނީ ކުޅީގެ ބައި އޮތް ބައިގެ ދިރުންތައް އިތުރަށް އާލާކުރުމަށް ކުރެވިދާނެ ކަންކަން ވެސް ހުށަހަޅާފަ އެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެއް ނެޓްވޯކެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ މި ޓީމުގައި ކެނެޑާ، އެމެރިކާ، ތައިލެންޑް ފަދަ ގައުމުތަކުގެ ސައިންސްވެރިން ހިމެނޭ ޓީމެކެވެ. އަދި އީޕީއޭގެ ބޭފުޅުންވެސް މި ޓީމުގައި ހިމެނެ އެވެ. ހދ. ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ހިއްކި އެރަށު ކުޅީގެ ބާކީބައި، ހިމާޔަތް ކުރުމަށްޓަކައި ބޭރުގެ މާހިރުންގެ އެހީ ހޯދުމަށް ކުރިންވެސް ވަނީ ނިންމާފައެވެ.