ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝިއަލް އެންވޯއީ ކަމުގެ މަގާމުން ވިޔަފާރިވެރިއާ އަދި ކާށިދޫ ދާއިރާގެ އިންތިހާބީ ކެނޑިޑޭޓް އަބްދުﷲ ޖާބިރު ވަކިކުރަން ނިންމާފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ޖާބިރު ސްޕެޝިއަލް އެންވޯއީ ކަމުގެ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް "ވަގުތަށް" މައުލޫމާތު ދެއްވަމުން ރައީސްގެ ތަރުޖަމަނު އިބްރާހީމް ހޫދު ވިދާޅުވީ އެކަން އެގޮތަށް ކުރަން ނިންމާފައިނުވާ ކަމަށާއި މަޖިލީހަށް އިންތިހާބުވުމާއި އެކު އެމަނިކުފާނަށް އެ މަގާމު "އޮޓަމެޓިކް" ކޮށް ގެއްލޭ ކަމަށެވެ.

"ވަކިކުރާކަށް ރައީސް ނުނިންމަވައި. ވާގޮތަކީ މަޖިލީސް މެމްބަރަކަށް ދެ ވަޒީފާއަކު ނުހުރެވޭ. އެހެން ކަމުން މަޖިލީހަށް ހޮވޭ ހިސާބުން އޮޓަމެޓިކްކޮށް އެބަ ވަޒީފާ ގެއްލޭ" ހޫދު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާއާ މެދު ޖާބިރު ގެންގުޅުއްވައި ހާއްސަ ޕްލޭންގެ ސަބަބުން މަޖިލީހަށް މިފަހަރު ހޮވުނު މެމްބަރުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ޖާބިރަށެވެ.

ޖާބިރު މަޖިލިސް މެމްބަރުކަމުގެ މަގާމުގެ ހުވާ ކުރާ ހިސާބުން ސްޕެޝިއަލް އެންވޯއީ ކަމުގެ މަގާމް އޭނާ އަށް ގެއްލޭއިރު އޭނާ ވަނީ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށާއި އެމްޑީޕީގެ ޕީޖީލީޑަރު ކަމަށް ކުރިމަތިލުމަށްވެސް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށްވެސް ޝައުގުވެރިވެލައްވާ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު