ރިސޯޓު އަދި ގެސްޓްހައުސް ތަކުގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ކައުންޓަރ ޓެރެރިޒަމްއާއި ގުޅޭ ވޯކްޝޮޕެއް ފަށައިފިއެވެ.

މި ވޯކްޝޮޕް ފެށުމުގެ ގޮތުން، މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ފަރާތުންނާއި އަދި ގެސްޓް ހައުސްތަކުގެ ފަރާތުން ބޭފުޅުން ބައިވެރިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ސެކިއުރިޓީ އޮފިސަރުންނާއި ގެސްޓްހައުސް ތަކުގައި މަސައްކަތް ކުރާ އޮފިސަރުންނަކީ ޒަމާނީ ގޮތުން ފެތުރިފައިވާ ހަރުކަށި ވިސްނުމާއި، ބޭރުން އަންނަ ނުފޫޒުތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި، ރާއްޖެއަށް މިފަދަ ނުފޫޒުތައް އަންނަމުންދާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނަވީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިއަދުގެ ރަސްމިއްޔާތުގައި ނަވީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ޓެރެރިސްޓު ހަމަލާތައް ދިނުމާއި ހަރުކަށި ވިސްނުމަކީ ދުނިޔޭގައިވެސް އާއްމު ކަމެއް. މިފަދަ ހުރިހާ ކަމަކުން އަޅުގަނޑުމެން ރައްކާތެރިވެ ތިބުން މުހިއްމު. ހާއްޞަކޮށް ރިސޯޓު އަދި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައް" ނަވީން ވިދާޅުވިއެވެ.

މި ވޯލްޝޮޕަކީ ޕޮލިސް ސާރވިސްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިކަމާއި ގުޅުންހުރި ބޭރުގެ ފަރާތްތައްވެސް މި ބައްދަލުވުމުގައި ބައިވެރިވާކަން ފާހަގަކުރެވެއެވެ.

މިއަދު ހަވީރާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ އިތުރުން، ކައުންޓަރ ޓެރެރިޒަމް އާއި ގުޅޭ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.