ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހަމަތުކުރެވޭ ހުރިހާ ކަމެއް އަދީބްގެ ބޮލަށް ޖަހައި، ނިންމާލުން އެއީ އިންސާފު ނޫން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ބިލް ދިރާސާކުރި ވަގުތީ ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކުގެ ވާހަކަދައްކާއިރު، އަދީބްގެ މަތިން ހަދާން ކުރަންޖެހޭ ކަމަށެވެ.

"އަދީބާ ދޭތެރޭ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކުރަމުން ގެންދަނީ ބޭއިންސާފުން ނައިބު ރައީސަކަށް ލިބެންޖެހޭ އިއްޒަތާއި ގަދަރު އަދީބަށް ލިބެމުންނުދޭ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ވަކާލާތު ކުރާ ބައެއް ކަމަށްވާ އިރު ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހަމަތުކުރެވޭ ހުރިހާ ކަމެއް އަދީބްގެ ބޮލަށް ޖަހައި، ނިންމާލުން އެއީ އިންސާފު ނޫން ކަމަށާއި ދައުލަތުން އަދީބަށް ރަނގަޅު ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސައިދީފައިނުވާ ކަމަށެވެ.

"ބޭސް ފަރުވާ ކުރެވެނީކީ ނޫން. އިސްތިއުނާފް ވެސް ކުރެވެނީކީ ވެސް ނޫން އިސްތިނުފާގެ ހައްގު ވެސް އޭނާ އަތުން ވަނީ ނިގުޅައިގެންފައި އަދީބަށް އިންސާފު ލިބެންޖެހޭނެ" މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ އަދީބްގެ މައްސަލަ އިންސާފުން ކުރިއަށް ގެންދެވުމަށް ވެސް ގޮވާލައްވާފައެވެ.

މިވަގުތު ގޭބަންދުގައި ހުރި އަދީބަށް ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވާފައި އެބައޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުރި އަދީބު މިހާރު ހުރީ ގޭބަންދުގައެވެ.

އަދީބުގެ މައްޗަށް ގިނަ މައްސަލަތަކެއްގައި މިހާރު ވެސް ޙުކުމް ކޮށްފައި ވާއިރު، އޭނާގެ މައްޗަށް ދައުވާ ކުރާ އެތައް މައްސަލައެއް ޝަރީޢަތުގައި ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަސްލު

    މޫސާ ކަލޭ މީގެކުރިން ތިހާ ހެޔޮ އެދޭމީހާ ކީއްވެ ތިވާހަކަ ނުދެއްކީ

    10
  2. ބޮކި

    ބަލަގަ ތިހުރިހާ ވާހަކައެއް ދެއްކީ މޫސާ އެއްނޫން
    އަދިއެހެން ޔާމީންދޯ ބުނީ މިހުރިހާކަމެއް ނިމޭ ހިސާބަކީ އަދީބް ކަމަށް....

  3. ހުސޭނުބޭ

    މޫސަ ނޫނީ އަދީބު....... މިތަނުން ބޯހުރީ ކޮންމެވެސް އެކަކު! އަނެއްކާ މޫސަގެ ބޯ އެބަހުރިތަ؟

  4. ކިޔުންތެރިން

    ތިޔަހުރިހާ އެއްޗެއް ނުކިޔަކަސް އަދީބު ޕާޓީއަށް ސޮއި ކޮއްލަބަލަ.

  5. އަހަރެން

    ކަލޭ މިއަދު މާ އަދީބުއަށް ރަނގަޅުވެގެން އުޅުމުގެ ބޭނުމަކީ ކޮބާ؟
    އަދީބު ސަލާމަތްވެގެން ކަލޭ ފަޅާއަރުވާލާފާނެތީތަ ... ލޮލް