ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް މި މަހުގެ ތެރޭގައި ބާއްވަން ނިންމައި އިސް މަގާމްތަކަށް މީހުން އައްޔަން ކުރަން ނިންމައިފި އެވެ.

މި މަސް ނިމުމުގެ ކުރިން ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ޕާޓީ ރަޖިސްޓްރީކުރާތާ ލަސްވެގެން ތިން މަސް ތެރޭގައި ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެތީއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ޕީއެންސީން މި މަސް ނިމުމުގެ ކުރިން އެ ޕާޓީގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

"ޕީއެންސީން މި މަސް ނިމުމުގެ ކުރިން އެ ޕާޓީގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަން ޖެހޭނެ އެގޮތަށް އަމަލުނުކޮށްފި ނަމަ، ގާނޫނާ ހިލާފުވާނެ" އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައަޅަން މިރޭ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޕީއެންސީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

ޕީއެންސީ އުފެއްދީ އޭރު ޕީޕީއެމް ހޯދަން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ކޯޓަށް މައްސަލައެއް ހުށަހަޅައި އެ މައްސަލައިގެ ޝަރީއަތް ދިގުލައިގެން ގޮސް ޕީޕީއެމް މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ޔާމީނަށް ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ. ނަމަވެސް ރައީސް މައުމޫން ހުށައެޅުއްވި އެ މައްސަލަ ސުޕްރީމް ކޯޓުން ނިމުނީ ޔާމީނާ އެއްކޮޅަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންސީ، ރަޖިސްޓްރީކޮށްދިނީ މިދިޔަ ޖެނުއަރީ، 31، ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ތިޔަތަންވެސް ތިމާމެން ބޭނުންވާ ޚުދުމުޚްތާރު ގޮތަށް ހިންގަން އައުވާނުންލާ. އެއީ ޕީޕީއެމްވެސް ފެއިލްވީގޮތް. މެންބަރުންނަށް ފުރުސަތެއް ނުދޭ. ތިމާމެން ބޭނުންވާ މީހުންނަށް ވަގަށް މަގާމުތައް ދީ ނިންމާލަނީ.