ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރު އެ ތިއްބެވީ "ހަކުރާ ގަނޑުވަރު" ތެރޭގައި ކަމަށާއި، ދެން ފެށޭނީ ރަސްކަމެއް ކަމަށް، ހުޅުހެންވޭރު ދާއިރާގެ މެމްބަރ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެން ތިބީ ހަކުރާ ގަނޑުވަރުގަ. ދެން މިތާ ފެށޭނީ ރަސްކަމެއް ކަން އަޅުގަނޑުމެންނަށް އެނގޭ. އިދިކޮޅު ޕާޓީ އެއް މި ރާއްޖޭގައި ބޭއްވޭނެ އެއްވެސް ގޮތެއް ނެތް. މިހާތަނަށް އިކޮޅު ޕާޓީ ހެދިފައި ހުރީ ދެބެން، ދެމަފިރިން، ދެޅިޔަނުން، ހިތާވެގެން އުޅޭ ދެމީހުން. އެކަކަށް ރައީސްކަން، އަނެއްކަމަށް މިނިސްޓަރުކަން، އެކަކަށް މަޖިލީހުގެ ރައިސްކަން އަނެއްކަކަށް ރައީސުލް ޖުމްހޫރިއްޔާކަން." މޫސަ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓިީ އެއް އުފެއްދޭނީ އާއިލީ ބަލާވެރިކަމާއި މުސީބާތުން ސަލާމަތްވެގެން ކަމަށާއި، އިދިކޮޅު ސިޔާސީ ޕާޓީ އެއް ނެތި ޤައުމުގެ ކަންކަން ހަމަމަގަށް ނޭޅުވޭނެ ކަމަށެވެ.

"ދިވެހި ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ބާއްވަން ބޭނުންވާ ކަމަށްވަންޏާމު އާއިލީ ބަލާވެރިކަމާއި މުސީބާތުން މިންކުވާންޖެހޭ. އެއީ ދިވެހިރާއްޖޭގައި ވަރަށ ވަރުގަދަ ވިރާސީ ރަސްކަމެެއް ހިނގަމުން ދިޔަ ދުވަސްވަރެއްގައި، ރައީސް މަޢުމޫނުގެ ވެރިކަމުގައި އަޅުގަނޑުމެން ނިކުތީ. މިއަދު އަނގަފުޅާކޮށްފަ އެވާހަކަ ދެއްކިޔަސް، ހަތަރު މީހުންވެގެން، މަޖިލިސް ތެރޭގައި އެ ވާހަކަ ދައްކާ 2008 ވަނަ އަހަރުގެ މަޢުމޫނުގެ ވެރިކަން ބަދަލުކުރީ. އެކަމަކު މިއަދު އިންސާފު ދޭން ބުނާ މީހުން ކީއްވެގެންތޯ ވަކި ބަޔަކަށް ވަކިގޮތެއް އެ ހަދަނީ. މިއީ ހަމަ ވަކިން ޚާއްޞަކޮށް ބޮޑު މެޖޯރިޓީ ހޯދި އެމްޑީޕީ އަށް ބުނާ ވާހަކައެއް." މޫސަ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ މޫސަ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައެއް ނުވެއެވެ.