މޯލްޑިވްސް ކަސްޓަމް ސާރވިސަސް އަށް 22 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދަން އިއުލާން ކޮށްފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ގެޒެޓުގައި ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި ބާވިސް މުވައްޒަފުންނަކީވެސް އެއް އަހަރު ދުވަހުގެ މުއްދަތަށް ހޯދާ މުވައްޒަފުން ކަމަށާއި، ނަމަވެސް މަސައްކަތުގެ ޕާފޯމަންސް އަށް ބަލައި އެއް އަހަރު ފަހުން އެ މުވައްޒަފަކު ދާއިމީ ކޮށްދިނުމުގެ ފުރުޞަތުވެސް އެބަ އޮތް ކަމަށެވެ.

ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި، ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ ނަމަ މި މަޤާމުތަކަށް ކުރިމަތިލެވޭނެ އެވެ.

މި މަޤާމުތަކަށް ހޮވޭ ކޮންމެ ފަރާތަކަށް، އަސާސީ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު، -/5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/200 ރުފިޔާ، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މަހަކު -/1750 ރުފިޔާ އަދި ކޮއްތު ފައިސާގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުން މާލެ އާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތް ކުރަން ޖެހޭނެއެވެ. މި އިޢުލާނަށް ފޯމު ހުށަހަޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 25 އެވެ.