އޭޑީކޭގެ ފަސްޓް ރެސްޕޯންޑް ޕެރެމެޑިކް ޚިދުމަތް އާއްމުންނަށް ދައްކާލައިފިއެވެ.

އޭޑީކޭ އާއި ލިޓަސް ގުޅިގެން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތެއްގައި، އެކްސިޑެންޓެއް ހިނގައިގެން އުޅޭ ވަގުތު، އެ މީހަކަށް އެންމެ ފުރަތަމަ ދޭނެ ފަރުވާ އާއި، އެކްސިޑެންޓް ވެފައި އޮންނަ މީހާއާއި މެދު އަމަލުތައް ބަހައްޓާނެ ގޮތް ވަނީ އާއްމުންނަށް ދައްކާލާފައެވެ.

ޕެރެމެޑިކް ޚިދުމަތް ދިނުމަށް ބޭނުންކުރާ ސައިކަލް ހަދިޔާ ކޮށްދެއްވާފައިވަނީ ލިޓަސްގެ ފަރާތުންނެވެ.

މިއަދުގެ އިވެންޓާއި ގުޅޭގޮތުން “ވަގުތު” އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ އެސިސްޓެންޓް މެނޭޖަރ، މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން، މުޞްޠަފާ ވިދާޅުވީ، މިހަރަކާތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ މަގުމަތީގައި ދިމާވާ އެކްސިޑެންޓްތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުން ކަމަށާއި، އަނިޔާވެފަ އޮންނަ މީހާއާއި މެދު އަމަލުކުރަންޖެހޭ ގޮތުގެ ފުރިހަމަ މަޢުލޫމާތު އާމުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

”ޕެރެމެޑިކް ޚިދުމަތަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ ކަމެއް. މަގުމަތީގައި އެކްސިޑެންޓް ވެގެން ގެންނަ މީހާ ގިނަފަހަރަށް ގެންނަ އިރު އޮންނަނީ އިތުރު ފަރުވާ ނުދެވޭ ހަމައަށް ކަންކަން ގޮސްފަ. މީގެ ބޭނުމަކީ އަނިޔާވެފަ އޮންނަ މީހާއަށް ފުރަތަމަ ދެވޭ ފަރުވާވެސް ރަނގަޅުކުރުން. އެގޮތުން އެ މީހާ ކައިރިއަށް އެންމެ ފުރަތަމަ ދާނީ ސައިކަލް. އޭގެ ފަހުން އެންބިލަންސް ދާނީ.” މުޞްޠަފާ ވިދާޅުވިއެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން ފޮޓޯ؛ މުހައްމަދު އަފްޒަލް

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ޑރ ނިޔާފު ވިދާޅުވީ، އަބަދުވެސް ބަލަންވީ އެކްސިޑެންޓްތައް ނުހިނގާނެ ފަދަ ގޮތަކަށް އަމަލިތައް ބެހެއްޓުމަށް ކަމަށާއި، އެކްސިޑެންޓެއް ހިނގުމުންވެސް އެ މީހަކަށް އެންމެ ފުރަތަމަ ދޭންވީ ކޮން ފަރުވާއެއްކަން އެނގުން މުހިއްމު ކަމަށެވެ.

”އެކްސިޑެންޓްތައް ކުޑަކުރުމަކީ އެންމެންގެ ޒިންމާއެއް. މަގުމަތީގަ އަނިޔާވެފަ އޮންނަމީހާއަށް ފުރަތަމަ ދޭނެ ފަރުވާއަކީ ކޮބައިކަން އެބަ އެނގެންޖެހޭ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އަމަލުތައް ބެހެއްޓޭގޮތުން ހިތާމަވެރިކަންކަން ކުރިމަތިވަނީ“ ޑރ ނިޔާފު ވިދާޅުވިއެވެ.

އޭޑީކޭއާއި ލިޓަސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން ޖުމްލަ ދެ ޕެރެމެޑިކް ސައިކަލް އޭޑީކޭއަށް ދިނުމަށްވަނީ ނިންމާފައެވެ.