މިދިޔަ 4 އަހަރަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް ލ.ފޮނަދޫގައި ޑެންގީ ޖެހުނު މީހުން ގިނަ ކަމަށް އެރަށު ސިއްޙީ މަރުކަޒުން ބުނެފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން ފޮނަދޫ ސިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި، ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ފާތިމަތު ޝަހީދާ ވިދާޅުވީ، ފޮނަދޫގައި ރިކޯޑް އަދަދަކަށް ޑެންގޯ ފެތުރެމުން އަންނަ ކަމަށާއި މިކަން ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިމަހުގެ މިހާތަނަށްވެސް އެބައިން 32 ކޭސް. މިއީ ރިކޯޑް އަދަދެއް. ޑެންގޫ އާ ބަހޭ މަޢުލޫމާތު ދިނުމަށް ހަރަކާތްތަކެއް ރޭވި މިދަނީ ހިންގަމުން. އިއްޔެ އެކަނިވެސް 92 ގެޔަކަށް ޒިޔާރަތްކޮށް ޑެންގީގެ މަޢުލޫމާތުވާނީ ހިއްސާކޮށްފައި. މީގެ އިތުރުން ރަށު ކައުންސިލާއި އިތުރު ބައެއް އިދާރާތަކާއި ގުޅިގެން، މިދަނީ މަދިރި އާލާވާނެ ގޮތަށް ހުރި ތަންތަން ނަައްތާލުމަށް މަސައްކަތް ކުރަމުން." ޝަހީދާ ވިދާޅުވިއެވެ.

https://www.facebook.com/LaamuNGO/videos/328784531164017/

 

ރައްޔިތުންގެ ކަންބޮޑުވުން!

ފޮނަދޫން "ވަގުތު" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، ފޮނަދޫގައި ޑެންގީ ހުން މިހާ ބާރު މިނެއްގައި ފެތުރެމުންދަނީ، ފޮނަދޫގެ އެތެރޭގެ މަގުތައް ނުހެދި ފެންހަރުލާ ގޮތަށް ސިމެންޓް ލޭޔަރ އެއް ހުރުމުން ކަމަށާއި، އަދި ފޮނަދޫ ލިންކް ރޯޑްގެ ކާނުތައް ހަދާފައިވާ ގޮތުން، އެތަންތަނުގައިވެސް ފެން ހަރުލާ ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

މީގެ ކުރިން "ވަގުތު" އަށް މަޢުލޫމާތު ދެމުން، ފޮނަދޫ ކައުންސިލްގެ ރައީސްވަނީ މިފަދަ ކާނުތަކުގައި އުފެދޭ މަދިރި ނައްތާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެންމެ ބޮޑަށް މިހާރު ބަލަމުން މިދަނީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް. ދެން އެންމެ ގިނަ ބަޔަކު ބުނަމުންދަނީ މަގުތައް ހަދަން ފަށާފައި ހުރި އިރު، މަދިިރި އެންމެ ބޮޑަށް އާލާވަނީ ކާނުތަކުގެ ތެރޭގައި ކަމަށް. އެހެންވެ އެތަނުގައި އުފެދޭ މަދިރިތައްވެސް ނައްތާލުމަށް މަސައްކަތް ކުރަމުން މިދަނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޑެންގީ ކޮންޓްރޯލް ކުރުމަށް ރަށް ފޮގް ނުކުރަނީ ކީއްވެ؟

ހެލްސެންޓަރގެ ފާތިމަތު ޝާހިދާ ވިދާޅުވީ، ފޮގް ކުރުމަކީ ޑެންގީ އަށް އޮތް ހައްލެއް ނޫން ކަމަށާއި ފޮގް ކުރުމުން މަރުވަނީ ހަމައެކަނި އެވަގުތު ރަށު ތެރޭގައި އުޅޭ މަދިިރި ކަމަށެވެ. އަދި މަދިިރި އާލާވާ ތަންތަން ނައްތާނުލެވިއްޖެ ނަމަ، 7 ދުވަސް ތެރޭ އަނެއްކާވެސް މަދިރި އާލާ ވެގެންދާނެ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން ކުރިޔަށް ރަމަޟާން މަސް އޮތުމާއިއެކު ފޮގް ކޮށްފިނަމަ އެކަމުން ދަނޑުވެރިކަމަށް އަސަރު ކުރާނެ ކަމަށާއި ފޮގް ކުރުން މިހެންވެ، އެންމެ ފަހު ސްޓޭންޑަކަށް ބާއްވާފައި އޮތް ކަމަށްވެސް ޝަހީދާ ވިދާޅުވިއެވެ.

"ކުރިޔަށް މިއޮތީ ރަމަޟާން މަސް، ފޮގް ކުރުމުން ދަނޑުވެރިކަމަށް ބޭނުންވާ ސޫފިތައްވެސް މަރުވޭ. އަނެއްކޮޅުން ނޭވާލާން ދަތިކަން ހުންނަ ފަރާތްތަކަށާއި ކުޑަ ކުދިންނަށް މިއީ އެހާ ރައްކާތެރި ކަމެއް ނޫން. ރޯދައިގެ ކުރިން ހުން ކޮންޓްރޯލް ވޭތޯ މަސައްކަތް މިކުރަނީ." ޝަހީދާ ވިދާޅުވިއެވެ.

ފޮގް ކުރުމަކީ މަދިރި ނައްތާލުމަށްޓަކައި ކެމިކަލް ސްޕްރޭ ކުރުމެވެ. މި ކެމިކަލް ސްޕްރޭ ކުރަނީ ޑީސަލްއަށް އާ އެއްކުރުމަށްފަހު ފޮގް މެޝިނެއްގެ ޒަރީއާއިންނެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ލަފާ ދެއްވާ ގޮތުގައި ޑެންގީ ރޯގާ އެއް ފެތުރޭ ދުވަސްވަރު ފިޔަވާ އެހެން ދުވަސްވަރު ފޮގް ކުރުމަކީ ގެއްލުން ލިބޭ ކަމެކެވެ. ސަބަބަކީ މާ ގިނައިން ބޭނުންކުރާ ނަމަ މަދިރި ކެމިކަލްއަށް ރެސިސްޓް ވެ ނުވަތަ މަދިރި އެއަށް ހޭނޭގޮތް މެދުވެރިވެއެވެ.

ފޮގް ގެ އަސަރު ކުރަނީ ހަމައެކަނި އުދުހޭ މަދިރިއަށެވެ. އެހެން ކަމުން މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ފޮގް ކުރާއިރު މަދިރި އުފެދޭ ތަންތަން ނައްތާލުމަކީ މުހިއްމުކަމެކެވެ. އެހެންނޫންނަމަ މަދިރިފަނިތައް ނައްތާނުލެވި، މަދިރި ގިނަވަމުންދާނެއެވެ.

#ZeroMosquitoChallenge

ލާމު އަތޮޅުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ، "ލާމު" އިން "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ #ZeroMosquitoChallenge ނަމުގައި މަދިރި ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް ރާވާފައިވާ ކަމަށާއި މި ހަރަކާތާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ކައިރި މުސްތަޤްބަލެއްގައި ހާމަ ކުރާނެ ކަމަށެވެ.

ޑެންގީ ހުމަކީ ކޮބާ؟

ޑެންގީ އަކީ އޭޑީސް މަދިރީގެ ޒަރީޢާއިން ފެތުރޭ ހުމެކެވެ. ޑެންގީ ޖެހެނީ ޑެންގީގެ ޖަރާސީމު (ޑެންގީ ވައިރަސް) ހުރި މަދިރިއެއް ހެފުމުންނެވެ. ޢާއްމު ގޮތެއްގައި ޑެންގީ ފަތުރަނީ އޭޑީސް އިޖިޕްޓައި އަދި އޭޑީސް އެލްބޯޕިކްޓަސް މަދިރިއެވެ. މި ދެބާވަތުގެ މަދިރިއަކީ ވެސް މީހުން ދިރިއުޅޭ ހިސާބުތަކުގައި، ސާފު ފެނުގައި އާލަވާ އެއްޗެކެވެ. އޭޑީސް ހަފަނީ ދުވާޅުގެ ވަގުތުތަކުގައި، އަދި ޚާއްސަކޮށް ފަތިހާއި އިރުއޮއްސޭ ވަގުތުތަކުގައެވެ.

ޑެންގީ ގެ ބާވަތްތައް އަދި އަލާމާތްތައް!

ޑެންގީ ޖެހުމުން ވަރަށް ގަދައަށް ހުންއައުމާއެކު އިތުރު އަލާމާތްތައް ފެނެއެވެ. މީގެ ތެރޭގައި ގަދައަށް ބޮލުގައި ރިއްސުން، ގައިގައި އަދި ހުޅުހުޅުގައި ރިއްސުން، މޭނުބައިކޮށް ހޮޑުލެވުން، ލޮލުގައި ރިއްސުން، ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. ގަދައަށް ހުން އައުމާއެކު މީގެ ތެރެއިން ދެ އަލާމާތެއް ފެނިއްޖެނަމަ ޑެންގީއަށް ޝައްކުކުރަންވާނެއެވެ. ޢަލާމާތްތައް އާއްމިކޮށް 2 ދުވަހާ 7 ދުވަހާ ދޭތެރޭގެ މުއްދަތަކަށް ދެމިގެން ދެއެވެ.

ޑެންގީ ހުމުގެ ނުރައްކާތެރި ވައްތަރުތަކެއްވެސް ( ސިވިއަރ ޑެންގީ، ކުރީގައި ކިޔާ ގޮތަށް ނަމަ ޑެންގީ ހިމޮރެޖިކް ފީވަރ އަދި ޑެންގީ ޝޮކް ސިންޑްރޯމް) ހުރެއެވެ. މިފަދަ ނުރައްކާތައް ކުރިމަތިވަނީ ޑެންގީ ހުން ޖެހުމުގެ ސަބަބުން ލޭ ހޮޅިތަކުން ފެން (ޕްލާސްމާ) ބޭރުވުމާއި، ނޭވަލާން އުނދަގޫ ވުމާއި، ލޭއައުމާއި އެކި ގުނަވަންތައް ފޭލްވުމުގެ ސަބަބުންނެވެ. ސިވިއަރ ޑެންގީގެ ޢަލާމާތްތައް ފެންނަނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ 7-3 ދުވަހާ ދެމެދު، ހުން މަޑުވާން ފެށުމާއެކުއެވެ. މީގެ ތެރޭގައި
- ގަދައަށް ބަނޑުގައި ރިއްސުން
- ގިނަގިނައިން ހޮޑުލުން
- ނޭވާލާ މިންވަރު އިތުރުވުން
- ހިރުގަނޑުން ލޭއައުން
- ވަރުދެރަވުން
- ހޮޑުލާއިރު ލޭ ހުރުން ހިމެނެއެވެ.

މިއަލާމާތްތައް ފެނުމުން ވީހާ އަވަހަށް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ފަރުވާ ހޯދުން ވަރަށް މުހިއްމެވެ. ރަނގަޅު ފަރުވާ ނުހޯދިއްޖެނަމަ ސިވިއަރ ޑެންގީ ޖެހިފައިވާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާ ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑެންގީގެ ފަރުވާ

ޑެންގީ ބައްޔަށް ވަކީ ޚާއްސަ ބޭހެއް ނުވެއެވެ. ޑެންގީގެ ފަރުވާއަކީ އެބަލީގެ ޢަލާމާތްތަކަށް ފަރުވާ ކުރުމެވެ. ޑެންގީއިން ރައްކާތެރިވުމަށް ބޭނުންކުރެވޭނެ ވެކްސިނެއް އަދި ޢާއްމުކޮށް ތަޢާރަފްވެފައެއް ނުވެއެވެ. އެހެން ނަމަވެސް ވެކްސިންގެ ތަހުލީލުތައް ދަނީ ކުރެވެމުންނެވެ.

ޑެންގީ ޖެހުމުން ސަމާލުކަން ދޭންވީ ކަންތައްތައް
- ގަދައަށްހުން އައުމުގެ ސަބަބުންނާއި ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގިނަގިނައިން ފެން، ސޫޕް ފަދަ ދިޔާ ތަކެތި ދިނުން މުހިއްމެވެ. އަދި ފެން މަދުވުމުގެ އަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރެއް ނުވަތަ ސިއްޙީ އެހީތެރިއެއްގެ އިރުޝާދު ހޯދުން މުހިއްމެވެ. ފެން މަދުވުގެ އަލާމާތްތަކުގެ ތެރޭގައި އަނގަ ހިކިފައި ހުރުން، ތުއްތު ކުދިންގެ ބޮލުގެ މެދުގައި ހުންނަ ހިނދިވަޅު (މެންކަފަ ވަޅު/ ފޮންޓަނެލް) އަޑިވެފައި ހުރުން އަދި ކުޑަކަމުދާ މިންވަރު މަދުވުން ހިމެނެއެވެ.
- ހުންއައިސް ގައިގައި ރިއްސާނަމަ ޕެނެޑޯލް ފިޔަވައި އިތުރު ބޭހެއް ބޭނުން ނުކުރުން މުހިއްމެވެ. ބްރޫފަން، ވޯލްޓަރަން ފަދަ ތަދުކަނޑުވާ ބޭސް ބޭނުންކުރުމަކީ އޭގެ ސަބަބުން ނުރައްކާވެދާނެ ކަމެކެވެ.
- ސިވިއަރ ޑެންގީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއް ނުވަތަ ސިއްހީއެހީތެރިއަކަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
ޑެންގީ އިން ރައްކާތެރިވުން
ޑެންގީއިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތަކީ ޑެންގީ ޖައްސާ މަދިރި ނައްތާލުމެވެ. މިގޮތުން :
- މަދިރި ޢާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާ ގޮތަށް ހެދުން. މިސާލަކަށް ގޯތިތެރޭގައި ހުންނަ ބާލިދީ ފަދަ ތަކެތި ފެން ހުސްކޮށް ބަންޑުން ޖެހުން، ފެންރައްކާކުރާ ކަޅުހަން، ތާނގީ ފަދަ ތަކެއްޗަށް މަދިރިއަށް ނުވަދެވޭގޮތަށް ރަނގަޅަށް ބަންދުކުރުން ނުވަތަ ދާ ޖެހުން، ގަސްމުށީގެ ފެންހަރުލާ ޓްރޭ ހަފްތާއަކު އެއްފަހަރު ސާފުކުރުން، އުކާލާ ޓަޔަރު ފަދަ ތަކެތި ފެންހަރުނުލާ ގޮތަށް ނައްތާލުން
- މަދިރި ހެފުމުން ދުރުވުމަށްޓަކައި މޮސްކިޓޯ ރިޕެލެންޓް ކްރީމް ނުވަތަ ލޯޝަން ލުން، ދޫ، އަތްދިގު ހެދުން ލުން، މަދިރ ދުންދަނޑި ނުވަތަ ކޮއިލް ބޭނުން ކުރުން

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ހުމުގެ ވައްތަރުތައް ބެއްލެވީ ޠައްޔިބު ޝަހީމް! މިވެރިކަމުގައި ހުރިހައި ހުމެއް ފިލާދިއުމުން މިހާރު ލިބިލެއްވި ސައިކަލުގައި އުޅުއްވަނީ!\........ ތަންތަނުގައި ފަސާދަ އުފައްދާމީހުން އެ ފަސާދާގައި ނިކަން ރީއްޗަށް ޖެހޭނެ! ތިއޮތީ އެ އެތިފަހަރު ލައްވާލާފައި!

    4
    1
  2. ޙުސައިން

    ސްކޫލިތައް ބަންދު ކުރަނިކޮށް މައިތިރި ވާނެ

    6
    1
  3. ކިނބޫ

    ރައްޔިތުންގެ ތިބާވަތުގެ ކަންކަން ހައްލުކޮށް ދޭނެ ސަރުކާރެއް ނެތް ގައުމެއްގަ ރައްޔިތުން ތިބެން ޖެހޭނީ ތި ހާލުގަ. ރީނދޫ ބާގައި ފޮނަދޫ މީހުންނަށް މަރުހަބާ!

    2
    1