މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް "ދަރުމަ ކަމާކެމި" ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

"ދަރުމަ ކަމާކެމި" ނަމުގައި ހިންގާ މިހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިޔާތެއްގައި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިސްކިތްތަކަށް އެހީވާން ބޭނުންވާ އާއްމު ރައްޔިތުންނަށް އެ ފުރުޞަތު ހުޅުވާލަން އަންނަ ހޮނިހިރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

"ހޮނިހިރު ދުވަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ކުރިއަށްދާ މި ހަރަކާތުގައި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ އެކިއެކި ފަންޑުތައް ދިރުވާ ޢަލާކޮށް އެއަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ" އިސްލާމިކް މިނިސްޓަރ ވިދާޅުވެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:30 އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުރިއަށްދާ މިހަރަކާތް ކުރިއަށް ދާނީ އެއްދުވަހުގެ މުއްދަތަކަށެވެ.

ފަންޑުފޮށިތައް ބެހެއްޓުމުގެ އިތުރުން އޮންލައިންކޮށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު އޮންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އިތުރަށް ވިދާޅުވީ މިހަރަކާތުގައި މިނިސްޓްރީއާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ސްޓޯލްތައް ހުންނާނެކަމަށެވެ.

"މި ހަރާކާތް ކުރިއަށްދާއިރު އެކިކަހަލަ މަޢުލޫމާތު ލިބޭނެ ސްޓޯލްތައްވެސް ބަހައްޓާފައިހުންނާނެ,ހަރަކާތުގެ ތެރެއިން ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ޚަރަދު ކުރާ ގޮތާއި ފާއިތުވިއަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަދަދުވެސް " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން މުދަލު ޒަކާތް ބަލައިގަތުމާއި ޒަކާތައް މީހުން ހޭލުންތެރިކުރުމަށްވެސް ނިންމާފައިވާކަމަށެވެ.

"މި މިނިސްޓްރީގެ ސްޓޯލެއްގައި ހުންނާނެ ކުރެހުންތަކެއް. އެއީ 500 މީހުން ނުވަތަ 700 ނުވަތަ 900 މީހުންނަށްއެއް ފަހަރާ ނަމާދުކުރެވޭނެ މިސްކިތްތަކުގެ ކުރެހުންތައް ހުންނާނެ. "މިނިސްޓަރ ވިދާޅުވިއެވެ

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މިހަރަކާތުގައި މިސްކިތްތައް އެޅުމަށް ބޭނުންވާ ރަށްތައްވެސް ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުނިޔަ

    ކޮބާހޭ މިސްކަތު ފަންޑުންހެދި ދާރުލް އީމާން.؟

  2. އަހްމަދު

    އާދޭސް ނުކުރިއަސް މިސްކިތްތައް އެޅުމާއި މިސްކިތްތައް ބެލެހެއްޓުމަށް މިހާރުވެސް މީހުން އެހީތެރިވޭ. ކޮންމެހެން ދެއްކެން ކަންކުރާކަށް ބޭނުމެއްނުވޭ.

  3. ކިޔުންތެރިޔެއް

    ތިހެން އާންމު ރައްޔިތުން އަތުން ހޯދާ ފައިސާ އެއްފަހަރާ ޚަރަދުކޮށް ހުސްކޮށްލުމުގެ ބަދަލުގައި އެ ފައިސާއިން އެކަށީގެންވާ މިންވަރެއްގެ އަދަދެއް ރިއަލް އިސްޓޭޓަށް އިންވެސްޓްކޮށް ދިރޭ ފަންޑެއް ޤާއިމުކުރުމަކީ ވަރަށް އެދެވިގެންވާ ކަމެއް. އިސްލާމިކް މިނިސްޓްރީގެ ދަށުގައި މާލޭގައި އެތައް ބިމެއް ފުރިހަމައަށް ބޭނުން ނުހިފި އެބަހުރި. އިސްލާމީ މަރުކަޒުގެ ހުޅަނގު ފަރާތުގައި ވެސް ބޮޑު ސިންގާ އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރެވޭނެ ޖާގަ އެބައޮތް.