ރާއްޖޭގެ ގެސްޓް ހައުސްތަކަށް ބާއްވާ ސިލްސިލާ މާކެޓިން ސެމިނާތަކުގެ ތެރެއިން، މާލޭ ސަރަހައްދަށް ހާއްސަ ސެމިނާ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

މި ސެމިނާއަކީއެމްއެމްޕީއާރްސީން މޯލްޑިވްސް ގެޓަވޭސްއާ ހަވާލުކޮށްގެން ބާއްވާ ސެމިނާތަކުގެ ތެރެއިން އެއް ސެމިނާއެވެ. އެގޮތުން ހޮނިހިރުގައި ފަށަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގެ ގެސްޓްހައުސް ތަކަށް ހާއްސަކޮށް ބާއްވާ ސެމިނާއެވެ. މި ސެމިނާ އޮންނާނީ ސްޓެލްކޯގައެވެ.

ރާއްޖޭގެ 11 ސަރަހައްދެއްގައި މި ސެމިނާތައް ބާއްވާނެއެވެ. މީގެ ތެރެއިން މިހާތަނަށް ހަ ރަށެއްގައި މި ސެމިނާތައް ކުރިއަށްގެންގޮސްފައި ވެއެވެ.

ހިލޭ ބައިވެރިވެވޭ ގޮތަށް ބާއްވާ މި ސެމިނާތަކުގައި، ފައިސާ ބަލަހައްޓާނެ ގޮތާއި، އޮންލައިން ސޯޝަލް މީޑިއާ މާކެޓިން އަދި ޓޫރިޒަމް އިންޑަސްޓްރީގެ ތަފާތު މައުލޫމާތުތަކާއި ޓޫރިޒަމް ޓްރެންޑްސް ފަދަ މައުލޫމާތުތައް ދޭނެއެވެ.

ގެސްޓްހައުސް މާކެޓިން ސެމިނާތައް ބާއްވާ ރަށްތަކުގައި ތެރޭގައި އއ. ތޮއްޑޫ، އއ. އުކުޅަސް، ކ. މާފުށި، ވ. ތިނަދޫ، ބ. ދަރަވަންދޫ، އދ. ދިގުރަށް، އައްޑޫ ސިޓީ، ތ. އަތޮޅުގެ އިތުރުން ހުޅުމާލެ ހިމެނެއެވެ. މި ރަށްތަކަކީ ރާއްޖޭގެ ގެސްޓް ހައުސްތައް އެންމެ ވަރުގަދައަށް ހިންގަމުން އަންނަ ރަށްތަކެވެެ.