މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި 7 ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު ކަނޑުއަޑީގައި ކުރިއަށް ގެންގޮސްފިއެވެ.

ގިރިފުށީގައި ބޭއްވި ބޮޑު ރަސްމިއްޔާތުގެ ތެރެއިން ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސްގެ ދަސްވެނިވި ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ހެނދުނު ކަނޑު އަޑީގައި ރަސްމިއްޔާތު ބާއްވާފައިވާއިރު، ކޯސް ފުރިހަމަކުރި ފަރާތްތަކަށް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގެ މަންޒަރުތައް އެމްއެންޑީއެފުން ވަނީ މީސް މީޑިއާގައިވެސް ހިއްސާކޮށްފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ކަނޑުއަނޑީގައި ބޭއްވި މިފަދަ ރަސްމިއްޔާތެއްގައި ބެޖު ހަވާލުކޮށްދެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލ.ކޯޕްރަލް އިޝާގް ރަޝީދެވެ. މި ކޯހުގެ ފިޓެސްޓް ޑައިވަރުގެ މަޤާމް އެމްޑީޔޫ 2 ގެ ލ.ކޯޕްރަލް މިފްތާޙް އިބްރާހީމް ހޯދިއިރު ކޯހުގެ ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައިވަނީ ސްރީލަންކާގެ ލ.ކޯޕްރަލް ޗަތުރަންގާ އެލްއޭއެސްއެވެ. އަދި ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ލ.ކޯޕްރަލް ހަސަން ޢަލީއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ފެށި މި ކޯހަކީ 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދެވުނު ކޯހެކެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވަނީ 19 ދަރިވަރުންނެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 8 ސިފައިން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    ދެން މިފެށުނީ ކަންތައް ކުޅިހުންނާނެ މަޖިލިސް ހުވާކުރަނީވެސް ކަނޑުއަޑީގައި

    5
    1