ހިނގާދިޔަ ބޮޑު ހިޔާނާތުގެ މައްސަލައިގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް، ގެ ނަން ކިލަނބު ވުމުގެ ސަބަބުން ނަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ނުސްވެރިންނާއި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވެފައިވަނީ ނަން ބަދަލުކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ބައެއް ނަންތަށް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައި ވާނެ މިހާރު ރައީސް އޮފީހަށްވެސް ނަން ޗޭންޖް ކުރުމަށް، ތަފާތު ނަންތަކެއް ވާނެ ފޮނުވިފަ، އެކަން އެބަ ހިނގާ،" ތޮއްޔިބު ވިދާޅުވިއެވެ.

އެމެއެމްޕީއާރުސީގެ ނަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެތަނުގެ ނަން ވަނީ ވަރަށް ބޮޑަށް ކިލަނބު ވެފައެވެ. އެއީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ހިންގާފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކަމަށްވާތީއެވެ.

އޮޑިޓް ރިޕޯޓްއަކުން ދައްކާ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާއަށް އެމްއެމްޕީއާރްސީގެ ތެރެއިން ވަނީ ހިޔާނާތްތެރިވެފައެވެ.