ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައިވަކަމަށް މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އައްޑޫގެ ބައެއް ސަރަހައްދުތަކާއި، މާލެއަށްވެސް ކޮންމެވެސް ވަރަަކަށް އުދައިގެ އަސަރުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، އެއީ މޫސުމީ ކަމަށެވެ. އެހެން ނަމަވެސް އެހާ ގޯސް ނޫން ކަމަށާއި، ދިޔަވަރުބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މިހާރު ދިޔަވަރު ހިކެމުން މި ދަނީ. މިއަދު މެންދުރު 13:15 އެ މެދު ތެރޭގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑީ އެ ގަޑީ. އެ ގަޑީގައި އުދަބާނި ކޮންމެވެސް ވަރަކަށް ބޮޑުކޮށް ފެނުނީ. ކޮންމެވެސް ވަރަކަށް އުދައިގެ އަސަރު ކުރި. އެެހެން ނަމަވެސް އެހާ ބޮޑަކަށް އުދައެއް ނާރާ". މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، އުދައިގެ އަސަރުކޮށްގެން އުޅޭ ކަމަށް އަދި މައުލޫމާތު ލިބިފައި ވަނީ މަލެ އަށާއި، އައްޑޫއަށް ކަމަށެވެ. އަދި އުދަ އެރިކަމަށް ލަފާކުރެވެނީ 13:00 ހާއިރުކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައެވެ. ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވޭއިރު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.