127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ޝަރަފުގެ ހިނގާލުން މާލެ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު 16:00 ގައި މި ހިނގާލުން ވަނީ ފަށާފައެވެ. މި ޝަރަފުގެ ހިނގާލުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދީދީ ވަނީ ބައްލަވާލައްވާފައެވެ.

މި ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅައި އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓާއި ހަމައަށެވެ.

ސިފައިންގެ ޝަރަފުގެ ހިނގާލުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

މި ހިނގާލުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯރޓް ސަރވިސް، ސްޕެޝަލް ފޯސެސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ހިނގާލުމުގައި އަންހެން ސިފައިންނަށް ހާއްސަ ގެމައެއް ވެސް ވަނީ ހިމަނާފައެވެ.

ސިފައިންގެ ޝަރަފުގެ ހިނގާލުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ހިނގާލުމުގެ ތެރެއިން ސިފައިންގެ ހަރަކާތްތަކާއި، މިހާރު ބޭނުންކުރާ ފަޔަރ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް ވަނީ ދައްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު