(ލ.ފޮނަދޫއިން) އަރާމު ނިންޖެއްގައި އޮއްވާ ހޭލެވެނީ ފޯނުގެ އަޑަށެވެ. ގުޅީ މަންމައެވެ. ފޯނު ނަގާ ކަންފަތުގައި ޖެހީ ހެނދުނުގެ ވަގުތުގައި ގުޅާނީ ކޮންމެވެސް ކަމެއް ހިނގައިގެން އުޅޭތީކަން އެނގިގެނެވެ. މަންމަ ދެއްކީ ނަގޫރޯޅިއެއް އަރައިގެން އުޅޭ ވާހަކައެވެ. މާގިނަ ތަފްސީލެއް ނުދެއެވެ. އަވަސް އަވަހަށް ފޯނު ބާއްވާ، ކިހިނެތް ވާކަމެއްތޯ ބަލާލަން އަވަސްވެ ގަތީމެވެ. ފޯން ބަލާލިއިރު، ފަތިހު ފަހެއް ޖެހިއިރު ހަތަރު މީހަކު ގުޅާފައި އޮތެވެ.

އަވަސް އަވަހަށް މޫނު ދޮވެލުމަށްފަހު، ކެމެރާ ކޮޑު އަޅުވައިގެން ނުކުތީ ރަށު ތެރެ ބަލާލާށެވެ. ސައިކަލުގައި ގެއިން ނިކުމެގެން، އެބުނާ ނަގޫރޯޅިއެއް އެރި ސަރަހައްދަށް ދިޔައީމެވެ. އޭރުވެސް ވަރަށް ބޯކޮށް ވާރޭ ވެހެމުންދެއެވެ. ލިބިފައިވާ ގެއްލުން ފެނިފަ ކުއްލިއަކަށް ސިހުނެވެ. ހައިރާން ކަމެއް މޫނު މައްޗަށް ގެނުވިއެވެ. މީން ޒަމާނަކުވެސް ނުފެންނަ ފަދަ ބޮޑެތި ގެއްލުންތަކެއް ރަށުތެރެއަށް ލިބިފައިވާތީ، ނަގޫރޯޅީގެ ބޮޑުކަން އިހުސާސްވެސް ކުރެވުނެވެ.

https://www.facebook.com/LaamuNGO/videos/612015145931832/UzpfSTEwMDAxNDExMDYzOTM1Mjo2MDA0MDI3OTM3NzM0MDM/

 

އެތަކެއް ގެއެއްގެ ފުރާޅުތައްވަނީ އެއްލާލާފައެވެ. މުޅި މަގުގައި އޮތީ ޓިނު ފަދަ ތަކެއްޗެވެ. ގަސްތައްވަނީ މުލުން ލުހެލާފައެވެ. ކުދި ކުދި ގަސްގަހެއް ނޫނެވެ. ބޮޑެތި، ބިޔަ ބަބުކެޔޮ ގަސްތަކެވެ. ގިނަ ގަސްތައް އޮތީ ގޭގޭގެ ފުރާޅު މައްޗަށް ވެއްޓިފައެވެ. ބައެއް ގޭގޭގެ ފާރުވެސް ވެއްޓިފައި ހުއްޓެވެ. ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގފައިވީނަމަވެސް، ލޮލުގައި އަޅައިގަތީ މުޅިން އެހެން މަންޒަރެކެވެ. އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނެވެ. ގެއްލުން ލިބުނު ގެތަކަށް އެހީތެރިވުމުގައި ހަރަކާތްތެރިވަމުން ދިޔަ އާއްމުންގެ މީހުންނެވެ.

ބޮޑު ވަޅިއާއި ކީސް ހިފައިގެން ނުކުމެ، މޫނަކަށް ކަނދުރާއަކަށް ނުބަލާ، ވަކި ގެއެއް ނުބަލާ، ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް، ރަށުގެ ރައްޔިތުން ކުރަމުން ދިޔައެވެ. އަރައިގެން އައި އިރާއެކު، ހެނދުނުގެ ނާސްތާ މަތިން ހަނދާނެއްވެސް ނެތް ކަހަލައެވެ. ދައްކަމުން ދިޔައީ ތަފާތު ނަމޫނާއެވެ. އެކުވެރި ކަމުގެ ރޫހެވެ. ބައެއް މަގުތައް ގަސްތައް ވެއްޓި ބޮލޮކް ވެފައި ވުމުން، އެގަސްތައް ނެގުމުގައިވެސް ރައްޔިތުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ދެބަސްވުމެއް އައިސްފިނަމަ، މަޝްވަރާއަކަށް ދެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާ، އެގޮތަށް ކަންތައް ކުރަމުން ދެއެވެ.

މިހާރުވެސް ގަސްތައް ނެގުމުގެ މަސައްކަތް ރައްޔިތުންނާއި އެމްއެންޑީއެފް އަދި ފޮނަދޫ ޕޮލިސް ގުޅިގެން ދަނީ ކުރިޔަށް ގެންދަމުންނެވެ. ހަމަގައިމުވެސް މިއަދަކީ، ފޮނަދޫގެ ތާރީޚްގައި ފާހަގަ ވެގެންދާނެ ދުވަހެކެވެ. ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބައެއްގެ އަގުހުރި މުދަލެއް ގެއްލި ދިޔަ ދުވަހެކެވެ. ގަދަ ނިދީގައި ތިއްބާ ފުރާޅު އެއްލާލި ނަގޫރޯޅިއާއެކު ފޮނަދޫގެ މަގުތައް ވަނީ ހަލަބޮލިވެފައެވެ. ކާރިސާއެއްގެ ވަގުތު ފޮނަދުައަށް އައިސްފައިވާކަމުގެ އިހުސާސް ކުރެވެއެވެ.