ލ. ފޮނަދުއަށް ރޭގެ ފަތިހުގެ ވަގުތުގައި އެރި ނަގޫރޯޅިއާއެކު ޖުމްލަ 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ހަ ގެއެއްގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ ޔުނިޓްގެ ޑިރެކްޓާ ޖެނެރަލް ސޮފީ ނާޒް ވިދާޅުވެއްޖެއެވެ.

ފޮނަދުއަށް ރޭ އެރި ނަގޫރޯޅިއާއެކު ފޮނަދޫގެ ހާލަތު އާންމުންނާ ހިއްސާ ކުރުމަށް މިއަދު ޑިޒާސްޓާއިން ބޭއްވި ޕްރެސްގައި ނާޒް ވިދާޅުވީ ގެއްލުން ލިބިފައިވާ ގޭގެ މައުލޫމާތު ނަގާ، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަަމަށެވެ. އަދި ފޮނަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، ހާލުގައި ޖެހުނު ގޭގޭގެ މީހުން ބޯހިޔާވަހިކަން ހޯދަމުންދަނީ އާއިލާގެ އެކިއެކި މީހުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

ލ. ފޮނަދޫގެ އިތުރުން ހިދަތުއަށްވެސް ވިއްސާރައިގެ އަސަރުކުރި އިރު، އެރަށު ގެއެއްގެ ފުރާޅުވެސް އެއްލާލާފައިވެއެވެ. ޑިޒާސްޓާގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އުމަރު ފިކުރީ ވިދާޅުވީ ގޭގެއަށް ގެއްލުންވުމުގެ އިތުރުން އެހެނިހެން އެއްޗެއްސަށްވެސް ގެއްލުން ވެފައިވާ ކަމަށާއި، މިހާރު ދަނީ ރަށުގެ އެސެސްމަންޓެއް ހަދަމުން ކަމަށެވެ.

"ލ. އަތޮޅަށް އައި ކުޅިގަނޑުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ލ. ފޮނަދުއަށް. އެރަށު 12 ގެއެއްގެ ފުރާޅު އެއްލާލާ، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައި ވަނީ. އޭގެ އިތުރުންވެސް ބަނބުކެޔޮ ފަދަ ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުން ފާރު ވެއްޓި، އެފަދަ ގެއްލުންތައްވެސް ވަނީ ކުރިމަތިވެފައި. ފޮނަދޫ ބަނދަރުގައި އަޅާފައިވާ ބައެއް އެއްޗެހީގެ ވާ ހަލާކުވެ، ސަތަރިވެސް ފަޅައިގެން ގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެސެސްމަންޓް ޑިޒާސްޓާގެ އެސެސްމަންޓް ޗީފް އެގެޒެކެޓިވް ހިސާން ހަސަން، އަދި ހައުސިން އެންޑް އާބަންގެ އިންޖިނިއަރަކު، މިއަދު ފޮނަދުއަށް ދާނެ ކަމަށެވެ. އަދި މިއަދު ހަވީރާ ހަމައަށް އެސެސްމެންޓް ނިންމާ، ގޭގެ ސާފުކޮށް، ގޭގޭގެ ހުރިހާ ކަމަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށްވެސް އުމަރު ފާހަގަކުރެއްވިއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައިި ފޮނަދުއަށް އެރި ނަގޫރޯޅީގައި ގިނަ ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ރޭގެ ފަތިހުގެ ވަގުތެއްގައި އެރި ނަގޫރޯޅިއާއެކު ބައެއް ގެތަކުގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ އިރު، ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ގޭގެއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ހާއްސަކޮށް އެރަށުގެ ބަރާސިލް އަވަށުގެ ހަތަރު ވަރަކަށް ގޭގެ ފުރާޅު އެއްލާލާފައިވާ އިރު، އެއަވަށު ހުންނަ ބައްރު ޕްރީ ސްކޫލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ނަގޫރޯޅީގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން ފުލުހުންވެސް ދަނީ ހަރަހާތްތެރިވަމުންނެވެ.