ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މަންފާ ސެންޓަރަށް 15 އަހަރުން ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭޖް ކެއަރ މޯލްޑިވްސްގެ ނަމުގައި މިހާރު ހިންގަވާ އެ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވެވި ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދޮށީ ޢުމުރުގެ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ މުސްކުޅިވި ދުވަހު ލޯބިދީ އަޅައިލާނޭ ދަރިން، ކައިރީގައި ނެތުމުގެ ހިތްދަތިކަން އިޙްސާސްކުރަންޖެހި އެމީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތައް ކަމުގައެވެ. އެހެންކަމުން މިކަމާމެދު ވިސްނައި މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާނުލައި، ކޮންމެ މީހެއްގެ ވެސް ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން ބޮޑެތިވެ، އަމިއްލަ ދިރިއުޅުން ފަށާފައިވާ ނަމަވެސް، އެހިސާބުން މައިންބަފައިން ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ދޮށީ އުމުރަށް ދިޔުމުން މައިންބަފައިން އެންމެ ބޭނުންވާނީ ކައިރީގައި ހިދުމަތްކޮށްދޭން ހުންނަ ބިދޭސީ މީހާގެ ބަދަލުގައި ދަރީންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ކަމަށެވެ.

"އަޅުގަނޑުމެން ބޮޑެތިވެ އަމިއްލަ ދިރިއުޅުމެއް ފަށާފައިވިޔަސް މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ. ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް" ރައީސް ވިދާޅުވިއެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ތަރައްޤީގެ ގޮތުގައި މިފެންނަ ކޮންމެ ކަމަކީ، މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، ޤައުމީ ޚިދުމަތުގެ މަލަތައްކަމުގައެވެ. އެހެންކަމުން އެ މީހުންގެ ޚިދުމަތުގެ އަގު، އަބަދުވެސް ވަޒަންކުރަން ޖެހޭނެކަމަށާއި، އަބަދުވެސް އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދޮށީ ޢުމުރުގެ މީހުންނަށް ޙަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފުރުޞަތު ފަހިކޮށްދިނުމާއެކު އަމާން މާޙައުލެއް މުޖުތަމަޢުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އުމުރެއްގެ މީހުން ވެސް ދޮށީ ޢުމުރުގެ މީހުންނަށް އަޅާލައި، އިޙްތިރާމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަންފާ ސެންޓަރުގެ ފައުންޑާ މެންބަރުން ކަމުގައިވާ ޑޮކްޓަރ އާމިނަތު ޖަމީލާއި، އެކަމަނާގެ ފިރިކަލުން މުޙައްމަދު އިސްމާޢީލް އަށާއި، މަރުކަޒުގެ އިސް ވެރިންނަށާއި، މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މެދުނުކެނޑި 15 އަހަރު ޚިދުމަތް ދިނުމަކީ ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، 10 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ޚިދުމަތްކުރައްވާފައިވާ މަންފާގެ މެންބަރުންނަށާއި، ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށާއި، މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހަނދާނީ ފިލާ ދެއްވިއެވެ.

މަންފާ ސެންޓަރަކީ، ދޮށީ ޢުމުރުގެ މީހުންނަށް އެ މީހުންގެ ޢުމުރާ ގުޅޭ ގޮތުން، ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ. ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުންދާއިރު، އުފާވެރި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކުރުމަކީ، މި މަރުކަޒުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ.

މިރޭގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒުނާ އަހުމަދާއި ރައީސުލްޖުހޫރިއްޔާގެ ނައިބުގެ ދެކަނބަލުންގެ އިތުރުން ދަޢުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަންމަ

    މައިން ބަފައިންނަށް ލިބޭނެ އެންމެ ބޮޑ އުފަލަކީ އެމީހުންގެ ދަރިން ކާރީގަ ތިބުން އެމީހުނަށް ލިބޭނެ އެންމެ ބޮޑު ހިތާމައަކީ އެމީހުންގެ ދަރިން ޒުވާން އުމުރުގަ ހެޔޮ ނުބައި ވަކިނުވާ އުމުރުގަ ކުރެވޭ ކުށެއްގެ ސަބަބުން ދިގު އުމުރަކައް ޖަލުގަ ބައިތިއްބުމުން ލިބޭ ހިތާމައެވެ

  2. ބެއްޔާ

    ރައްޔިތުން އެންމެ ބޭނުންވާކަންތަކުގެ ވާހަކަ ދައްކައިގެން ތިހިރީ ވެރިކަމަށް އާދެވިފަ. ކްރިކެޓް މެޗެއްބަލަން ރައްޔިތުންގެ ފައިސާއިން ބޭރުގައުމުތަކަށް އުފާހާސިލުކުރުމަށް ދުވާއިރު ކުދިންކޮޅު ގޮވައިގެން ވަންނާނެ ތަނެއް ހޮރުހޮރުން ދުވާތާ އަހަރުތަކެއް މިވަނީ. ރައްިޔތުންނޭ ގޮވާއިރު އަވަހަށް ބޯހިޔާވަހިކަން ހޯދަދީބަލަ.

  3. ޢަބްދުﷲ

    ރައްޔިތުން އެންމެ ބޭނުންވާކަންތަކުގެ ވާހަކަ ދައްކައިގެން ތިހިރީ ވެރިކަމަށް އާދެވިފަ. ކްރިކެޓް މެޗެއްބަލަން ރައްޔިތުންގެ ފައިސާއިން ބޭރުގައުމުތަކަށް އުފާހާސިލުކުރުމަށް ދުވާއިރު ކުދިންކޮޅު ގޮވައިގެން ވަންނާނެ ތަނެއް ހޮރުހޮރުން ދުވާތާ އަހަރުތަކެއް މިވަނީ. ރައްިޔތުންނޭ ގޮވާއިރު އަވަހަށް ބޯހިޔާވަހިކަން ހޯދަދީބަލަ.

    2
    2
  4. ލޮލާޅި

    މައިންބަފައިންގެ ތެރެއިން އެންމެ ހާލުގައި އުޅޭ ބަޔަކީ އުމުރުން 55 އާ 65 އާ ދެމެދުގެ މީހުން. އުމުރުން ބޮޑުބައި ގައުމަށް ހިދުމަތް ކުރިތަނާ ޕެންސަން ގަވައިދަށް އައި ބަދަލަކުން އެއްޗެއް ނުލިބޭ. ކުދި ބަލިތައް ޖެހޭ. ވަޒީފާ އެއް ދޭތޯ ބަލާއިރު ވާގޮތަކީ 55 އަހަރުވީމާ ވަޒީފާއެއް ނުދޭ. ބެންކު ލޯނުގަނޑެއްވެސް ނުދޭ. 65 އަހަރުވީމާ ނޫނީ އެދެއްވާ 5000 އެއްވެސް ނުލިބޭނެ. ކިޔަވައިގެން، ތަޖުރިބާ ހޯދައިގެން ހުއްޓަސް އޭގެ ބޭނުމެއް ނުހިފޭ.
    ދެން މައިންބަފައިންނޭ ކީމާ އެކިޔެނީކީ ނޫން. ގޮވެނީ!