އއ.އުކުޅަހުގައި ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ހުރަސް ތަކެއް ކުރިމަތިވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުކުޅަހަށް މެދުކެނޑުމެއްނެތި ވިއްސާރަ ވެހުމުގެ ސަބަބުން މުޅި ރަށުގައި ވަނީ ފެންބޮޑުވެފައެވެ. ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ މެދު ކެނޑުމެއްނެތި ކުރަމުންނެވެ.

ފެން ހިއްކުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން ފުލުހުން ބުނީ އުކުޅަހުގައި ފުލުހުން ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ބައެއް ގޭގެއަށް ފެންވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމާއި، އެކްސްކަވޭޓަރު ބޭނުންކޮށްގެން ބައެއް މަގުތަކުން ފެން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން. މަސައްކަތުގައި ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލުން ބައިވެރިވޭ" ފުލުހުން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ރައްޔިތުން ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.