127 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ސޯލިހުއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި، ސިފައިންގެ ދިދަ ނަންގަވާފައި ވަނީ ދިދަވެރީންނެވެ.

ސިފައިންގެ ދިދަ ނެގުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިއަދު އޮތް ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ ވަނީ، ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު ޢިއުލާނު ކޮށްދެއްވާފައެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހަށް ހާއްސަ ކުރެވިފައިވާ ޝިއާރަކީ، ''އަސްކަރީ އުސޫލު ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން'' އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ، މިއަދަކީ ސިފައިންގެ ހަޔާތުން އާ ސަފްހާއެއް ހުޅުވިގެންދާ ދުވަހެއް ކަމަށާއި، ސިފައިންގެ ހަޔާތުން ހޭދަވާ ކޮންމެ އަހަރަކީ ތަފާތު އެތަކެއް ކަމެއްގެ އިތުރުން މައުނަވީ އެތައް ކަމެއް ލިބިގެންދާ އަހަރެއް ކަމަށެވެ.

"ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރެވޭ ތަނަކަށް ސިފައިންގެ މުއައްސަސާ ހެދުމަށްޓަކައި އާ ހިތްވަރާއި އެކު މިދަނީ މަސައްކަތް ކުރަމުން" އޭނާ ވިދާޅުވިއެވެ.

ސިފައިންގެ ދިދަ ނެގުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ސިފައިންގެ އަހަރީ އައްޑަނަ މަޖައްލާގެ 30 ވަނަ އަދަދު، މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ނެރެދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ ސިފައިންގެ އިސް ޚިދުމަތްތެރިން ބައިވެރިވެލައްވާފައިވެއެވެ.

މިރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާ ދެންނެވުމަށްފަހު ސިފައިންގެ ލަވައިންނެވެ.

127 ވަނަ ސިފައިންގެ ދުވަސް ފެށުމުގެ ގޮތުން ސިފައިންގެ އޭރިއާތަކުގައިވެސް ދިދަނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ވަނީ ކުރިއަށްގެންގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު