އަވަށްޓެރި ސްރީލަންކާއަށް މިއަދު ހެނދުނު ކުއްލި ގޮތަކަށް ދިން ނިރުބަވެރި ހަމަލާއަކީ ބަޔަކު ހިންގި ފިނޑި އަމަލެއް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ކޮޅުނބުގެ ބައެއް ސަރަހައްދުތަކަށް މިއަދު ދިން ނިރުބަވެރި ހަމަލާ ކުށްވެރިކުރައްވަމުން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ބަޔަކު ހިންގި ފިނޑި އަމަލެއް ކަަމަށާއި އެ ހަމަލާގެ ސަބަބުން އަސަރުކުރި އެންމެންނަށް އެމަނިކުފާނުގެ އިހުލާސްތެރި ހެޔޮދުއާ ރައްދުކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސްރީލަންކާއާ އެކު ކަމަށާއި ނިރުބަވެރިކަމާއި ދެކޮޅަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހަމަލާއާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށާއި އަދި އެ ހަމަލާގެ ސަބަބުން ގެއްލުންވި އާއިލާތަކަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން މަގުމައްޗަށް ނުކުމެ ނުހެދުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީންވަނީ އިލްތިމާސްކޮށްފައެވެ.

އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލުވެސް ވަރަށް ގާތުން ބަލަމުންދާކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ އެ އެމްބަސީގެ 94727277072، 9476608660 އަދި 94764189900 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެދޭކަމަށެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި އެމްބެސަޑަރު އުމަރު ރައްޒާގް ވިދާޅުވީ ހަމަލާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުންވެފައިވާ ކަން އަދި ކަށަވަރުވެފައި ނުވާ ކަމަށާއި އޭނާ މިވަގުތު ހުންނެވީ އެއްވެސް ދިވެއްސަކަށް ގެއްލުމެއްވިތޯ ޔަގީން ކުރުމަށް ވަޑައިގެން ހޮސްޕިޓަލުގައި ކަމަށެވެ.

"މިވަގުތު އަޅުގަނޑު މިހުރީ ހޮސްޕިޓަލުގައި. އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުންތޯ ބަލަމުން މިދަނީ،" އުމަރު ވިދާޅުވިއެވެ.

މިއަދު ހެނދުނު ކޮޅުނބުގެ ޗާޗްތަކަށާއި ހޮޓާތަކަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 160 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިރާން

    އެކަހަލަ ފިނޑި ކަންތައް ކުރާނީ ކޮންބައެއްކަން އަދިވެސް ޔަގީނެއް ނުވޭ ދޯ؟

    8
    5
  2. ޒާ

    ފިނޑި އަމަލު ކުރީމާ ކަމަކަށް ނުހަދާ ތިހިރީ އިންޑިއާއަށް ކުރިކެޓް މެޗުބަލަންގޮސް. ވިއްސާރައިގާ ރާއްޖޭގެ އެތައްބަޔަކު ދަނީ ދަތިހާލު ތަހައްމަލް ކުރަމުން. އެކަމަކު ތިހިރީ މޯޑީކެމްޕެއިންގަ. ތިއީވެސް ވެރިއެކޯ

    12
    2