ރާއްޖެޓީވީން ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ކެނޑޭގޮތަށް ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިކަމަށް ބުނެ އެ ޓީވީއާ ދެކޮޅަށް ސްޕްރީމް ކޯޓުން އަޅާފައިވާ ފިޔަވަޅު ބުރާސްފަތި ދުވަހު އުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ރާއްޖެޓީވީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ އެ މައްސަލައާ ގުޅިގެން މީގެ ކުރިން ރާއްޖެޓީވީން ފޮނުވި ދެ ސިޓީއެއްގައި ހުރި ނުކުތާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެއީ ކޮން ނުކުތާތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެޓީވީ ޝަރުއީ ދާއިރާގެ ހަބަރުތައް ގެނެސްދިނުމުން ސަސްޕެންޑްކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ސްޕްރީމް ކޯޓުން އެކަން ހާމަކޮށް ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ޗެނަލުން ގެންނަ "ފަށާއިރު" ނަމަކަށް ކިޔާ ޕްރޮގްރާމްގައި ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި މުޅި ޝަރުއީދާއިރާގެ ކަރާމާތާއި ގަދަރު ކުޑަވާގޮތަށް ކޮންޓެންޓް ގެނެސްދީފައިވާތީ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ރާއްޖެޓީވީ އާ މެދު ފިޔަވަޅު އަޅާން ނިންމާފައިވަނ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި 16 ވަނަ ނަންބަރާއި ހިލާފުވެފައިވާތީ ކަމަށެވެ.