މުސާރަ ބޮޑު ކުރިއަސް ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު (މާވަށު އަޒީ) ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ގައުމީ އެންޓި ކޮރަޕްޝަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ، އަޒީ ވިދާޅުވީ މުސާރަ ކިތަންމެ ބޮޑު ކުރިއަސް ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށެވެ.

އަޒީ ވިދާޅުވީ، ގިނަ ބަޔަކަށް ކޮރަޕްޝަނަކީ ކޯއްޗެއްކަން ބުނެދޭން ނޭނގޭ ކަމަށާއި، ކޮރަޕްޝަން އޭ ބުނުމުން ގިނަ ބަޔަކު ހީކުރަނީ އެއީ މީހަކަށް ރިޝްވަތު ދިނުމާއި ހިފުން ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ ތެރޭގައި ވަރަށް ގިނަ ދާއިރާތައް ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިޖްތިމާއީ ކޮރަޕްޝަން، ސިޔާސީ ކޮރަޕްޝަން، އިގްތިސޯދީ ކޮރަޕްޝަން އަދި މިފަހަކަށް އައިސް މީގެ ތެރެއަށް ދީނީ ކޮރަޕްޝަން ވެސް ވަނީ ވަދެފައި ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ހުރިހާ ކޮރަޕްޝަންތަކުގެ ތެރެއިން އެންމެ ނުބައި ކޮރަޕްޝަނެއްގެ ގޮތުގައި ކޮމިޝަނަރ ފާހަގަ ކޮށްފައިވަނީ ގާނޫނީ ކޮރަޕްޝަނެވެ. ކޮމިޝަނަރ މި ކޮރަޕްޝަން ފާހަގަ ކޮށްފައިވަނީ "ވައިޓް ކޮލާ ކްރައިމް" އެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ފައިސާއެއް ނުލިބި ގޮސްފައިވާކަން ކޮމިޝަނަރ ވަނީ ފާހަގަ ކުރައްވާފައެވެ.

"ކޮރަޕްޝަން އަކީ ވަރަށް ބޮޑަށް ގައުމު ތަކުގައި އުފުލަމުންދާ ވަރަށް ނުރައްކާތެރި ވަބާއެއް. ކޮރަޕްޝަނުގެ ނުބައިކަމަކީ ހަގީގަތުގައިވެސް އަޅުގަނޑުމެންނަށް އޭގެ ނުރައްކާތެރިކަމާއި އޭގެ ގެއްލުން ތަސްއްވުރު ކުރަން ނޭނގޭ ވަރުގެ ބޮޑު ކަމެއް" ކޮމިޝަނާރ ވިދާޅުވިއެވެ.

ކޮރަޕްޝަނަކީ ނަޒާހާތްތެރިކަމުގެ އިދިކޮޅު، އަދި ނަޒާހަތްތެރިކަމަކީ އިންސާނެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ރިވެތި ހުރިހާ މާތް އަހްލާގީ ސިފަތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމް ދީނުގައި އިންސާނާއަށް އަމުރު ކުރައްވާފައި ހުރިހާ ރަނގަޅު ސިފަތަކެކެވެ. ތެދުވެރިކަން، ވަފާތެރިކަން، އިހްލާސްތެރިކަން އަދި އަމާނާތް ތެރިކަން ހިމެނެއެވެ. ކޮރަޕްޝަނަށް ބަލާއިރު ދޮގު ހެދުން، ފޭރުން، ވައްކަންކުރުން ހިމެނެއެވެ.

ކޮމިޝަނަރ ވިދާޅުވީ ކޮރަޕްޝަން ނައްތާލަން ބޭނުން ނަމަ ހުރިހާ މުއައްސަސާއަކުން ޖެހޭނީ އެބަޔަކު ކުރާކަމެއް ހާމަ ކަންމަތީ ކުރަން ކަމަށާއި، ބަޔަކު މީހުން އެވަގުތު ބަލަން ނެތް ކަމުގައި ވިއަސް ފަހުން އެކަންތައް ހިނގާފައިވާ ގޮތް ބަލަން ބޭނުން ވެއްޖެނަމަ ދެއްކޭވަރު ވެގެން ކަމަށާއޮ މިކަންތައް މިހެން ނުގޮސްފިނަމަ ބަލަން ތިބޭ މީހުން ނިންމާނީ އެއީ ކޮރަޕްޝަންގެ ދަށުން ނިމިފައިވާ ކަމެއްގެ ގޮތުގައި ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރ އިތުރަށް ފާހަގަ ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަކީ މިހާތަނަށް އެންމެ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކޮށްފައިވާ ތަން ކަމަށެވެ. އަދި އެކަމަށް އެ ކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

"އަޅުގަނޑު ނަޒާހަތްތެރި މުޖްތަމައެއް ބިނާ ކޮށްދިނުމަށް ވެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން" ކޮމިޝަނަރ ވިދާޅުވިއެވެ.

މި ހަފްލާގައި ވަނީ އެވޯޑް ތަކެއް ހަވާލު ކުރުންވެސް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ސްކޫލް ތަކަށް ހުޅުވާލައިގެން ބޭއްވި ނަޒާހަތްތެރިކަމުގެ ވާހަކަފޮތް އުފެއްދުމުގެ މުބާރާތުން އެންމެ މޮޅު ވާހަކަ ތަކާއި، އެންމެ މޮޅު 3 ވާހަކަ ފޮތް ލިޔުއްވި ސްކޫލްތަކަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. އަދި ރިޕޯޓް ލިޔުމުގެ މުބާރާތުން ވަނަވަނަ ހޯދާފައިވާ ޔުނިޓް ތަކަށާއި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދީފައިވާ ބޭފުޅުންނަށް ވެސް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަތުހީ

    ވަރަށް ޢިލްމީ ވާހަކަކޮޅެއް. ???

  2. ގަދީމް

    މުސާރަ ބޮޑުކުރީމަ ޖީބަށް ބޮޑުވާނެ. އަތްމަތި ތިޔާގިވާނެ. ކަރަޕްޝަން ކޮންމެވެސް ވަރަކަށް މަދުވެދާނެ. އެކަމަކު ބޮޑަށް ކަރަޕްޝަން ހިންގަނީ ބޮޑެތި މަހުޖަނުން. ބޮޑު މުސާރަ ލިބޭ މީޙުން މިހާރުވެސް. މީ ހަގީގަތް