"ވަގުތު" ގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅު މުވައްޒަފުން ފާހަގަކޮށް ދެ މުވައްޒަފަކަށް އުމްރާ ދަތުރެއް ދީފިއެވެ.

"ވަގުތު" ގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އުމްރާ ދަތުރެއް ދީފައި ވަނީ ފާއިތުވި ފަސް އަހަރު "ވަގުތު" ގައި މަސައްކަތް ކުރި އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނު "ވަގުތު" ގެ މެނޭޖިން އެޑިޓަރ އާދަމް ނަވާޒާއި، މިދިޔަ އަހަރު "ވަގުތު" ގެ އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނު ސީނިއާ ޖާނަލިސްޓް ރީއާން ރަޝީދަށެވެ.

"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ ދެ މުވައްޒަފަކަށް އުމްރާ ދަތުރެއް ދޭން ނިންމީ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި، އުމްރާއެއް ވުން ފަދަ މުހިއްމު އަޅުކަމެއް ފުރިހަމަ ކުރުމުގެ ފުރުސަތު "ވަގުތު" މުވައްޒަފުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ "ވަގުތު" އަކީ ދީނީ ހޭލުންތެރިކަން އިތުރު ކުރަން ވެސް އެންމެ ވަރުގަދައަށް މަސައްކަތް ކުރާ ނޫސް. އަޅުގަނޑުމެންގެ މުވައްޒަފުންނަކީ ވެސް ދީނަށް ލޯބި ކުރާ، ދީނީ ކަންތައްތަކަށް ވަރަށް އިސްކަންދޭ ބައެއް. މިފަދަ ފުރުސަތުތައް ކުރިއަށް އޮތްތަނުގައި ވެސް މުވައްޒަފުންނަށް ލިބިގެންދާނެ." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އަކީ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހުރިހާ މުވައްޒަފުންނަށް ރާއްޖެ އިން ބޭރުން ޗުއްޓީ ދަތުރު ދޭން ފެށި ފުރަތަމަ މީޑިއާ އެވެ. މިދިޔަ އަހަރު "ވަގުތު" ގެ ހުރިހާ މުވައްޒަފުން ލަންކާގައި ޗުއްޓީ ހޭދަކުރުމުގެ ހުރިހާ ޚަރަދެއް މެނޭޖްމަންޓުން ކުރިއެވެ. މިއަހަރު "ވަގުތު" ގެ ހުރިހާ މުވައްޒަފުން ޗުއްޓީ އަށް ދިއުމަށް ހަމަޖެހިފައި ވަނީ މެލޭޝިއާ އަށެވެ. އެ ދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ ވެސް "ވަގުތު" ގެ މެނޭޖްމަންޓުންނެވެ. "ވަގުތު" ހުރިހާ މުވައްޒަފުން މިއަހަރު ޗުއްޓީ އަށް ދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުއެވެ.

"ވަގުތު" އަކީ މިހާރު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ އެއް ވެބްސައިޓެވެ. "ވަގުތު" އަށް ދުވާލެއްގެ މައްޗަށް ދޮޅު ލައްކައަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.