އިއްޔެ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް ކަމުގެ ޔަގީންކަން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ދީފިއެވެ.

އެ ޔަގީންކަން ދެމުން މިއަދު އެންސީޓީސީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އިއްޔެ ލަންކާއަށްދިން އެ ހަމަލާތަކާ ދިވެހިންނާ ގުޅުމެއް ނެތްކަން އެންސީޓީސީގެ އިންޓަނޭޝަނަލް އަދި ލޯކަލް ޕާޓްނަރުން ޔަގީންކޮށްދީފައިވާ ކަމަށެވެ.

"އެ ހަމަލާތަކާއި ރާއްޖެއާ ގުޅުމެއްވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަަތަކަކީ ހަގީގަތެއް ނޫން. އެފަދަ މައުލޫމާތުތައް ފަތުރާއިރު، ހަގީގަތް ހޯދާފައި ނޫނީ ނުފެތުރުމަށް އެދެން" އެ ޓްވީޓްގައި ބުނެފައި ވެއެވެ.

އާއްމުކޮށް ދިވެހިންވެސް ގޮސް އުޅޭ ކޮލަމްބޯގެ އަށް ތަނަކަށް އިއްޔެ ދިން އެ ހަމަލާގައި 290 މީހަކު މަރުވިއިރު، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި އެ ހަމަލާތަކާއި ގުޅިގެން ކާފިއު އިއުލާނުކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމީ

    މިކަމެއް ހިނގީ ކުރީ ސަރުކާރުގެ ދުވަސްވަރުގަ ނަމަ މިހާރު އޮތީހީ އެމީހުންގެ ބޮލުގައި އެ ޓެގް އަޅުވާފައި، ކޮބާ އެހެން ގޮވަމުން ދުވާ ވެރިކަން ކުރަން ނޭނގުނީމަ ވެރިަން ދޫކޮށް ތަންތަނުގައި ހުޅުޖެހެ .. ހުޅުޖެހި ނަޝީދު