ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށްދޭ އިނާޔަތްތައް އިތުރުކުރުމަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިއްޔެ މަޖިލީހަށް ހުށަހެޅި ބިލަކީ ސަރުކާރަށް މާލީ ގޮތުން ޖެއްސުން ކުރަން ހުށައެޅި ބިލެއް ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

މި ބިލަށް ތާއިދޫ ނުކުރައްވާ ކަން ހާމަ ކުރައްވައި ޖަމީލް އުސްމާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބިލްތަކަށް ވޯޓުލާން ޕީޕީއެމް އިން ތްރީލައިން ވިޕެއް ނެރުނަސް އޭނާ ވޯޓެއް ނުދެއްވާނެ ކަމަށެވެ.

"މިފަދަ ބިލު ތަކަކީ މާލީގޮތުން ސަރުކާރަށް ޖެއްސުން ކުރުމަށް ހުށައަޅާފައިވާ ބިލު ތަކެއް" ޖަމީލް އުސްމާން ވިދާޅުވިއެވެ.

އިއްޔެ މަޖިލީހަށް ހުށަހެޅި ބިލްތަކަށް ސަރުކާރުގެ މެންބަރުން ތާއީދެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބު ދެ މެންބަރުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވަކި ވަކިން ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ލަތީފު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާށާއި މެންބަރުކަން ކުރުމުން ލިބޭ އިނާޔަތް 55 އަހަރު ވުމުން ލިބޭ ގޮތައް އޮންނަ އޮތުން މެންބަރު ކަމުން ވަކިވާ ދުވަހުން ފެށިގެން ލިބޭ ގޮތް ހަދާށެވެ.

ޤާނޫނުގެ 8 ވަނަ މާއްދާގެ (ޅ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝްއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ. މެންބަރުކަން ކޮށްފައިވާ މީހަކު ބޭނުން ނަމަ މި ހެލްތު އިންޝްއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ އުފަން ކުދިން ބައިވެރި ކުރެވިދާނެ ކަމަށައި މިގޮތައް ބައިވެރި ކުރާ ފަރާތައް ދައްކަން ޖެހޭ އިންޝްއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ވެސް އެމާއްދާގައި ބުނެފައިވެއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ.

އަދި މެމްބަރުކަން ކުރި މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން ލަތީފް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ޕާސްޕޯޓް ހެދުމުގެ ޚަރަދު ހަމަޖައްސަން ޖެހޭނީ އެމީހަކު އަމިއްލަ އަށް ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މަޖިލިސް މެމްބަރުކަން އެއް ދައުރުކޮށްފައިވާ ފަރާތްތަކަށް މެމްބަރަކަށް ހުރި އިރު ލިބެ މުސާރައިގެ 30 އިންސައްތަ ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މެމްބަރުކަން ކުރި ކޮންމެ މީހަކަށް މަހަކު 25500 ރުފިޔާ އެވެ. އަދި މަޖިލީހުގެ މެމްބަރުކަން ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އެމީހަކު މެމްބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 45 އިންސައްތަ ދިނުން ޤާނޫނު ލާޒިމް ކުރެއެވެ. އެއީ މަހަކު 38250 ރުފިޔާ އެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން އެފައިސާ މެމްބަރަކު މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން ނ

    ކިތައްމިލިއަންލިބިގެންތޯ

    1
    1
  2. ކަޅި

    މަޖިލިސް ކައިރިން ހިގާ މީހުން ނަށް ވެސް އެލެވެންސް އެއް ދޭ ފެނޭ .. އަވަހަށް ބިލެއް ލައި ދެއްވަ ..