މާލޭ ރަސްފަންނުގައި މޫދަށް އެރޭ ސަރަހައްދަށް މޫދަށް އެރުން މަނާކޮށް ޓެސްޓުތައް ހެދުމަށްފަހު، މޫދަށް އެރެމުގެ ހުއްދަ ދީފިއެވެ.

އެ ސަރަހައްދަށް މޫދަށް އެރެވޭނެހެން އާއްމުންނަށް ހުއްދަ ދިނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ، ރަސްފަންނުގައި މޫދަށް އެރޭ ސަރަހައްދު އަލުން ހުޅުވާލާފައިވަނީ އެޗްޕީއޭއިން އެ ސަރަހައްދުގެ މޫދުގައި ޓެސްޓުތަކެއް ހަދާ ރައްކާތެރިކަން ކަށަވަރުކޮށް، ކްލިއަރަންސް ދިނުމުން ކަމަށެެވެ.

ޝަމާއު ވިދާޅުވީ، އެޗްޕީއޭއިން ހެދި ދެ ޓެސްޓުންވެސް ނުރައްކާތެރިކަމެއް ފެނިފައިނުވާކަމަށެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ބަންދުކޮށްފައި ވަނީ، އެ ސަރަޙައްދުގައި ނަޖިސް ފެތުރިފައިވާކަމަށް ބުނެއެވެ.