ރައްޔިތުން މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު، އަދި ކުރީގެ ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު، ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ވަޑައިގަތީ، އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ޕީއެންސީ ވަގުތީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބު ނިމުމާއެކު، އިދިކޮޅު ކޯލިޝަނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި އިރު، އެ ނާކާމިޔާބީއާ ގުޅިގެން ނިހާން ވަނީ ޕީޕީއެމްގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އަދި މުޅިން އާ ލީޑާޝިޕަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް ނިހާން ގޮވާލާފައިވާ އިރު، ޕީޕީއެމްގެ ލީޑާޝިޕަށް ވަނީ ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފައެވެ.

ނައިބު ލީޑަރުންގެ ގޮތުން މުޅިން އާ ތިން ބޭފުޅަކު ހަމަޖައްސާފައިވާ އިރު، ނިހާން ވަނީ ޕީޕީއެމް ދޫކޮށް، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

އަދުރޭ މިއަދު ވިދާޅުވީ އަދިވެސް ދެ ޕާޓީގެ ވިސްނުމަކީ އެއް ވިސްނުމެއް ކަމަށާއި، ދެޕާޓީންވެސް ކުރިއަށް ދަނީ އެއް އަމާޒަކަށް ކަމަށެވެ. އަދި ޕީޕީއެމް ދޫކޮށް ނިހާން ދިޔައީ، ސިޔާސީ ގޮތުން ޕީއެންސީއާއެކު ކުރިއަށް ދިޔުމަށް ނިހާނަށް ދިން ދައުވަތަކަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ ރައީސް ދެ ޕާޓީވެސް މަސައްކަތް ކުރާނީ ރައީސް ޔާމީނާ އެކުގައި ކަމަށާއި، ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު ތިބި ފަރާތްތަކަކަކީވެސް ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުން ކަމަށެވެ.

ޕީޕީއެމްއިން ވަކިވެ، ނިހާން ވިދާޅުވީ ސިޔާސީ ގޮތުން ކުރިމަގު އޮތީ ޕީއެންސީއާ އެކުގައި ކަމަށާއި، ޕީޕީއެމްއާއެކު މުސްތަގުބަލެއް ނެތް ކަމަށެވެ.