ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލްތަކާ ދެކޮޅު ކަމަށް ޕީޕީއެމްއަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު ވިދާޅުވީ އަދާ ކުރަމުންދިޔަ މަޖިލީހުގެ ދައުރު ނިމުމަށްފަހު އެހެން ރައްޔިތުންނަށް ނުލިބޭ އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއް އޭނާ ދައުލަތުގެ ފަރާތުން ބޭނުން ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބު ދެ މެންބަރުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވަކި ވަކިން ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ލަތީފު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާށާއި މެންބަރުކަން ކުރުމުން ލިބޭ އިނާޔަތް 55 އަހަރު ވުމުން ލިބޭ ގޮތައް އޮންނަ އޮތުން މެންބަރު ކަމުން ވަކިވާ ދުވަހުން ފެށިގެން ލިބޭ ގޮތް ހަދާށެވެ.

ޤާނޫނުގެ 8 ވަނަ މާއްދާގެ (ޅ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝްއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ. މެންބަރުކަން ކޮށްފައިވާ މީހަކު ބޭނުން ނަމަ މި ހެލްތު އިންޝްއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ އުފަން ކުދިން ބައިވެރި ކުރެވިދާނެ ކަމަށައި މިގޮތައް ބައިވެރި ކުރާ ފަރާތައް ދައްކަން ޖެހޭ އިންޝްއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ވެސް އެމާއްދާގައި ބުނެފައިވެއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ.

އަދި މެމްބަރުކަން ކުރި މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން ލަތީފް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ޕާސްޕޯޓް ހެދުމުގެ ޚަރަދު ހަމަޖައްސަން ޖެހޭނީ އެމީހަކު އަމިއްލަ އަށް ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މަޖިލިސް މެމްބަރުކަން އެއް ދައުރުކޮށްފައިވާ ފަރާތްތަކަށް މެމްބަރަކަށް ހުރި އިރު ލިބެ މުސާރައިގެ 30 އިންސައްތަ ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މެމްބަރުކަން ކުރި ކޮންމެ މީހަކަށް މަހަކު 25500 ރުފިޔާ އެވެ. އަދި މަޖިލީހުގެ މެމްބަރުކަން ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އެމީހަކު މެމްބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 45 އިންސައްތަ ދިނުން ޤާނޫނު ލާޒިމް ކުރެއެވެ. އެއީ މަހަކު 38250 ރުފިޔާ އެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން އެފައިސާ މެމްބަރަކު މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އެހެންވެގެންތޯ އަމިއްލައަށް ހިތުހުރިވަރަކަށް މުސާރަ ކަނޑައަޅައިގެން، އާސިއާންގެ ގައުމުތަކުން ބޭސްކުރާ ގޮތައް ހަމަޖައްސައިގެން ގަޑިޖެހިގެން މަޖްލިހަށް އަޔަސް ގަޑީލާރި ނުކެނޑޭގޮތަށް ހަމަޖައްސައިގެން މިއޮއްހާ ދުވަހު މަޖްލިހުގަ ތިޔަ އުޅުއްވީ؟ މިހާރު ކުއްލިއަކަށް ރައްޔިތުންގެ ނިކަމެތި ކަން ހަނދާންވީދެއްތޯ ޕިސްޕިސްޕިސް.....؟؟؟

    13
    5
  2. ތާއީދު

    މިހާ ލަދުހުތުރުކޮށް ރައްޔިތުން ކުރިމަތީ ވާހަކަދައްކާ މަޖްލިސް މެމްބަރެއް އަހަރެންގެ މި 35 އަހަރުގެ ހަޔާތުގަވެސް ނުދެކެން .އަޅުގަނޑު އިން ޖަލްސާއެއްގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުހައްމަދު ޞޯލިޙަށް ކޮންދަފަ މަލާމާތެއް މީނާ ކުރީ ސިވިލް ސަރވިސް މުއައްޒަފެއްވީމަ އަދާކުރާ އޮފީހުން ބޮޑު ސަރކިއުލަރއެއް ފޮނުވީމަ އެރޭ ޖަލްސާއަށް ދާންޖެހުން...އެދުވަހު އަހަރެން ހިތަށް އެރި .މާތް ﷲ އީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ރަސްކަލާންގެއެވެ، ޙައްޤައް ނަސްރުދެއްވާ މި ފަލާޚުމެން ކަހަލަ ވިޔާނުދާ މީހުން ސައިޒު ޒީރޯއަށް ލާންވެސް ގިނަ އިރެއް ނުވި ..ކުރި މަލާމާތް އަމިއްލަ އަށް ރައްދުވެ 2018 ވަނަ އަހަރުގެ އިންތިހާބު ނިމިގެން ދިޔައީ އަޅުގަނޑުމެން ހިތްތައް އުފަލުން ފުރާލާފަ..އަލްޙަމްދުލިﷲ