ކ. ތުލުސްދޫގައި 500 އަކަ ފޫޓު ސަރަހައްދެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު 18:50 ހާއިރު ތުލުސްދޫ ރީފް އެޑްޖް ގެސްޓް ހައުސްއާ ދިމާލުން ރުއްގަނޑު ސަރަހައްދުގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އަދި މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު ތުލުސްދޫ ޕޮލިސް ސްޓޭޝަން އާއި ތުލުސްދޫ ކައުންސިލް އަދި ރީފް އެޑްޖް ގެސްޓް ހައުސްގެ މުވައްޒަފުންނާއި، ރައްޔިތުން ގުޅިގެން އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

ފުލުހުން ވިދާޅުވީ، ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްހާ އިރުފަހުން ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.